ކުރިއަށް އޮތް 4 އަހަރަކީ އެމެރިކާއަށް އުޖާލާ އަހަރުތަކަކަށް ވާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެގޮތަށް ދެކޭ ގިނަ ސަބަބުތަކެއްވެއެވެ. އެހެނީ މިހާނަތަށް ދުނިޔެ ދުށް އެންމެ ތަފާތު ލީޑަރުގެ ގޮތުގައި ސިފަކުރާ ޑޮނާލްޑް ޓްރަންޕްގެ ވެރިކަން ނިމުމަކަށް އައީ އެވެ. 

ނިމުނު ޓްރަމްޕްގެ ވެރިކަމާއެކު އުޖާލާ ދުވަސްތަކެއް ފެންނާނެކަމަށް ގަބޫލުކުރާ މީހުންނަށް އެމަނިކުފާނު ކޮވިޑް-19 ގެ ވަބާގައި ކަންކުރެއްވި ގޮތް އެކަނި މިސާލަކަށް ނަގައި، ފުއްދާލަ އެވެ. ޗައިނާގެ ވޫހާން ސިޓީއިން ކޮވިޑު ފެނުމާއި އެކު ސިއްހީ މާހިރުން ގޮވާލީ ބޯޑަރުތައް ބަންދުކުރުމަށެވެ. ގައުމުތަކުގެ ސަރުކާރުތަކަށް ގޮވާލީ، ދުރާލާ ތައްޔާރުވެ، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ. އެއާއިއެކު ގިނަ މީހުން ހީކޮށްގެން ތިބީ އެންމެ ރަނގަޅަށް ތައްޔާރުވެ ތިބޭނީ ދުނިޔޭގެ އެންމެ ބޮޑު އިގްތިޞާދު ކަމަށްވާ އެމެރިކާއިން ކަމަަށެވެ. އެހެންނަމަވެސް މުޅި ދުނިޔެއަށް ވައިރަސް ފެތުރިގެން ދިޔައިރު އެންމެ ހާލު ދެރަވީ އެމެރިކާގައެވެ. ހޮސްޕިޓަލްތައް ފުރި އެތައް ބަޔަކަށް ފަރުވާ ނުދެވި ދިއުމުގެ ނަތީޖާ އަކަށްވީ، އެތައް ބައެއްގެ ފުރާނަ ގެއްލިގެން ދިއުމެވެ.

މިއާއި ގުޅިގެން ދެން އުފެދޭ ސުވާލަކީ އެމެރިކާގެ ހާލަތު މިހާ ގޯސްވީ ކިހިނެއް ތޯއެވެ؟ އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި ނުރައްކާތެރި ރޯގާއެއް ފެތުރެމުންދާކަމުގެ މައުލޫމާތު ޓްރަމްޕަށް މާ ކުރިން ލިބިލެއްވިއެވެ. އެހެންނަމަވެސް މާބޮޑު ސަމާލުކަމެއް އެއަށް ނުދެއްވުނީއެވެ. މީގެ ނަތީޖާ ފެންނަނީ ކޮވިޑްގެ ތަފާސް ހިސާބުތަކުންނެވެ. މުޅި ދުނިޔެއިން އެންމެ ގިނަ ކޭސް ރިޕޯޓު ކުރާ ގައުމެެއްގެ ގޮތުގައި އޮތީ އެމެރިކާއެވެ. ވައިރަހުގައި އެންމެ ގިނަ ބަޔަކު މަރުވީވެސް އެގައުމުންނެވެ.

މިއާއިއެކު ޓްރަމްޕް ސަރުކާރަށް އެގައުމުގެ ރައްޔިތުންގެ ފާޑުކިއުން ވަރަށް ބޮޑަށް އަމާޒުވެގެން ދިޔައެވެ. ދެން ޓްރަމްޕް ފެއްޓެވީ މި ފާޑު ކިއުންތަކުން ރެކި ގަތުމުގެ މަސައްކަތެވެ. އެމަނިކުފާނު ގައުމާ މުހާތަބު ކުރައްވާ ކޮންމެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވައިރަސް ފެތުރުމުގެ ޒިންމާ ނަގަން ޖެހޭނީ ޗައިނާ ކަމަށް ވިދާޅުވާން ފެެއްޓެވިއެވެ. މި ކަންތައްތަކާއި ހުރެ އެމެރިކާ ރައްޔިތުން ބުނީ ޒިންމާދާރުކަން ކުޑަ ރައީސެއް ބޭނުން ނުވާ ކަމަށެވެ.

އެހެންނަމަވެސް އެމަނިކުފާނަށް ތާއީދު ކުރާ އާބާދީވެސް ކުޑައެއް ނޫނެވެ. 

‎ޓްރަންޕް ސަޕޯޓަރުންނަކީ މި ވައިރަސް ފެތުރުމަށް ވަރަށް ބޮޑަށް މަގުފަހި ކުރުވި ބައެއް ކަމަށް އެގައުމުގެ ބައެއް ރައްޔިތުން ބުނެއެވެ. މި ވައިރަހަކީ އަސްލު އެއްޗެއް ކަމާމެދު ސުވާލު އުފައްދާ ބަޔަކުވެސް އެ މީހުންގެ ތެރޭގައި ހިމެނެއެވެ. ޓްރަންޕް ވިދާޅުވި ކޮންމެ ކަމެއް އެމީހުން ކުރާނެކަން އެނގިގެންދިޔައީ ރިޔާސީ އިންތިހާބު ތެރޭގައެވެ. އެތައް ބައެއްގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލާ އެމެރިކާގެ ގާނޫނުހަދާ މަޖިލިސް ހުންނަ ކެޕިޓޮލްގައި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދިނުމެވެ. 

‎މިފަދަ އެތައް ކަމެއް ވެރިކަމުގެ 4 އަހަރުގެ ލިސްޓަށް އެއްކުރެއްވުމަށްފަހު، ރިޔާސީ ގަނޑުވަރު ދޫކުރައްވާ ޓްރަމްޕް އެ ވަނީ ވަޑައިގެންފަ އެވެ. ‎ޖޯ ބައިޑެން ރައީސްކަމުގެ ހުވާ ކުރައްވާ މަންޒަރު ބައްލަން ކެރިވަޑައިނުގެން، ވައިޓް ހައުސް ދޫކޮށް އެ ވަޑައިގެންނެވީ އެމަނިކުފާނުގެ އަމިއްލަ ރިސޯޓަކަށެވެ.

‎އެހެންނަމަވެސް މިއީ ޓްރަމްޕް ހެޑްލައިންތަކުން ފެންނާނެ ފަހު ފަހަރު ކަމަށް ނުބެލެވެއެވެ. އެމަނިކުފާނުގެ މައްޗަށް އެތައް ތުހުމަތުތަކެއް ކުރިމަތިވެފައިވާއިރު، ކުރިއަށް ހުރި ދުވަސްވަރުގައި ކޯޓުން ފެނިގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ. ހުރިހާ ސޯޝަލް މީޑިއާ އެޕަކުން އެމަނިކުފާނުގެ އެކައުންޓުތައް ބްލޮކް ކުރި ނަމަވެސް، އަދިވެސް ޓްރަންޕަށް ތާއީދުކުރާ އެތައް ބަޔަކު އެބަ ތިއްބެވެ. 

ވައިޓްހައުސްއިން ނުކުންނަވަމުން ދެއްވި ފަހު ހިތާބުގައި ވިދާޅުވީ އެމަނިކުފާނު މަތިން ހަނދާން ކުރެއްވުމަށެވެ. ދދެން ވިދާޅުވީ ވަދާއުގައި ދުރަށް ވަޑައިގަންނަވަނީ މާ ގިނަ ދުވަހަކަށް ނޫން ކަމަށެވެ. 

ސުވާލަކީ ޓްރަމްޕް ދެން ފެނިގެންދާނީ ކޮންގޮތަކަށްބާ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.