އަދާލަތު ޕާޓީގެ ރައީސާއި ނައިބް ރައީސް ހޮވުމުގެ އިންތިހާބު މި މަހުގެ 30 ވަނަ ދުވަހަށް ވަނީ ތަވާލްކޮށްފަ އެވެ. މިއީ އެ ޕާޓީގެ ރައީސާއި ނައިބް ރައީސްގެ މަޤާމުގެ އިންތިހާބު ބާއްވާ 3 ވަނަ ފަހަރު އެވެ.
މިހާތަނަށް ދެ ފަހަރެއްގެ މަތިން ޕާޓީގެ ރައީސާއި ނައިބް ރައީސް ކަމަށް ކުރިމަތިލަން ވަނީ ފުރުސަތު ހުޅުވާލާފައެވެ. ދެވަނަ ފަހަރަށް އިއްޔެ ފުރުސަތު ހުޅުވާލިއިރު، ޕާޓީގެ ރައީސްކަމަށް ވާދަކުރައްވާނެކަން ރަސްމީގޮތުން އިއުލާން ކޮށްފައިވަނީ މިހާރުވެސް ޕާޓީގެ ރައީސްކަމުގެ މަގާމު ފުރުއްވަމުންގެންދަވާ އިމްރާން އަބްދުﷲ އެވެ. އިތުރު ބޭފުޅަކު މިހާތަނަށް ކުރިމަތިލެއްވިކަމެއް އިއުލާންކޮށްފައެއް ނުވެ އެވެ.
މީގެކުރިން އަދާލަތުގެ ރައީސްކަމަށް އަންހެން ބޭފުޅުންނަށް ކުރިމަތި ނުލެއްވުނު ނަމަވެސް، އަދާލަތުގެ ރައީސްކަމަށް އަންހެން ބޭފުޅުންނަށް ކުރިމަތިލެވޭގޮތަށް އަސާސީ ގަވާއިދުވެސް ވަނީ ބަދަލުކޮށްފަ އެވެ. ނަމަވެސް އެ މަޤާމުތަކަށް އަންހެން ބޭފުޅެއްވެސް ޝައުޤުވެރިކަން ފާޅުކޮށްފަ އެއް ނުވެ އެވެ.
ސުވާލަކީ އަދާލަތުގެ ރައީސްކަމަށް އިމްރާނާއި ވާދަކުރައްވާނެ ބޭފުޅެއް ވެދާނެތޯ އެވެ. ނުވަތަ އިންތިހާބުގައި އިތުރު ބޭފުޅެއް ނުފެނި ހަމައެކަނި އިމްރާންގެ ނަމާއެކު އަދާލަތުގެ އެންމެ ބާރުގަދަ ދެ މަޤާމުގެ އިންތިހާބުވެސް ނިމިގެންދާނީތޯ އެވެ.
އަދާލަތު ޕާޓީގެ ލީޑަރޝިޕްގައި މިވަގުތު ތިއްބެވި ބޭފުޅުންގެ ތެރެއިން، ނުވަތަ ޕާޓީގެ ކަންކަމުގައި ނަން ޝާމިލްކޮށް އުޅުއްވާ ހަރު ބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅަކު އިމްރާނާއި ވާދައަށް ނިކުމެދާނެކަމަކަށް ނުބެލެވެ އެވެ.
އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެމްބަރުންކަމަށްވާ އައްޝެއިހް އިލިޔާސް ހުސެއިންނާއި، ޑރ. މުހައްމަދު އިޔާޒަކީ، އިމްރާނަށް އިތުބާރުކުރައްވާ، އިމްރާން ފަހަތްޕުޅުން ސިޔާާސީ ކަންކަމުގައި ހިންގަންވާ ދެ ބޭފުޅުންނެވެ.
ދެން ތިއްބެވީ ޕާޓީގެ މިހާރުގެ ނައިބް ރައީސް އަލީ ޒާހިރުގެ އިތުރުން، އަލީ ނަޒީރު އެވެ. ދެ ބެފުޅުންނަކީވެސް، ސިޔާސީ ކަންކަމުގައި އިމްރާންގެ ދެ ދަރިވަރުންނޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ކުޑައީންވެސް ގޮތަކަށް އިމްރާނާއި ސިޔާސީ ހިޔާލު ތަފާތުވުމެއް ގެންގުޅުއްވާ ބޭފުޅުންނެއް ނޫނެވެ.
ނަން ކިޔާލެވޭ އިތުރު ބޭފުޅަކު ޕާޓީގެ މަތީ ފަޑީގައި ހުންނެވި ނަމަ، އެ ބޭފުޅަކީ ސަރުކާރުގެ ކޮންމެވެސް މަޤާމެއްގައި ހުންނެވި ބޭފުޅެކެވެ. އިމްރާނާއި ވާދަކުރެއްވުމުގެ ކުޑަވެސް ޝައުޤެއްް ނެތް ބޭފުޅުންނެވެ. އިމްރާންގެ އެކުވެރިކަމުގައި ކުރިއަށް ވަޑައިގެންނެވުމުގެ ޝައުޤުގައި ތިއްބެވި ބޭފުޅުންނެވެ.
އަންހެން ބޭފުޅުންގެ ތެރެއިން ޕާޓީގެ ރައީސްކަމަށް ފައިނަންގަވަން ތިއްބެވީ ދެ ބޭފުޅެކެވެ. އެއީ ޝިދާތާ ޝަރީފާ، އަނާރާ ނައީމް އެވެ. ސިޔާސީ ކަންކަމުގައި އަނާރާއަކީވެސް މަޑުމައިތިރިކަން އިސްކުރައްވާ ކަނބަލެކެވެ. ވާދަކުރެއްވުމުގެ ޝައުގުގައި މަސައްކަތްކުރައްވާ، ވާދަވެރިއެއް ނޫނެވެ. އެހެންކަމުން އަނާރާވެސް ފައި ނަންގަވާނެކަމަކަށް ނުބެލެވެ އެވެ.
ނަމަވެސް ޝިދާތާއަކީ ސިޔާސީގޮތުން އަޅުއްވާނެ ފިޔަވަޅެއް ލަފާކުރަން އުދަނގޫ ކަނބަލެކެވެ. އެހެނީ ޕާޓީގެ ރައީސްކަމަށް އަންހެން ކަނބަލުންނަށް ކުރިމަތިނުލެވޭގޮތަށް އޮތުމުން، އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވީ ޝިދާތާ އެވެ. ސިޔާސީ ކަންކަމުގައި ބަސް ބުނަންޖެހޭ ވަގުތު ބަސް ވިދާޅުވާ ބޭފުޅެއްގެ ގޮތުގައި ޝިދާތާ ފެނިގެންގޮސްފައިވީނަމަވެސް ޕާޓީގެ ރައީސްކަމަށް، އިމްރާނާއި ދެކޮޅަށް ޝިދާތާވެސް ފައި ނަންގަވާނެކަމަކަށް ނުބެލެވެ އެވެ.
ސިޔާސީ މައިދާނުުގައި އަބަދުވެސް ކުޑަނަމަވެސް ޖާގައެއް ހޯދާ، އަދާލަތުގެ ރައީސާއި ނައިބް ރައީސްގެ އިންތިހާބަކީ ފޯރިގަަދަ އިންތިހާބަކަށް ނުވިނަމަވެސް، ގިނަ ބައެއްގެ ލޯތައް އެ އިންތިހާބަށް ވަނީ ހުއްޓިފަ އެވެ. އެއްބަޔަކު ޕާޓީއަށް ބަދަލެއް ގެންނަންޖެހޭކަމަށް ގަބޫލުކުރާއިރު، އަނެއް ބަޔަކު ދެކެނީ ޕާޓީ އޮތީ ރަނގަޅު މިސްރާބުގައިކަމަށެވެ.