އެމެރިކާގެ 45 ވަނަ ރައީސް، ޑޮނާލްޑް ޓްރަމްޕް އޭނާގެ ރައީސްކަމުގެ ދައުރު ފުރިހަމަ ކުރެއްވުމަށްފަހު ވައިޓް ހައުސް ދޫކުރައްވާ ވަޑައިގަންނަވައިފިއެވެ. 

މިއީ 1869 ވަނަ އަހަރަށް ފަހު އެމެރިކާގެ ތާރީހުގައިވެސް، ދެން އަންނަ ރައީސްގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ވަޑައިނުގެން ވައިޓް ހައުސް ދޫކުރައްވާ ރައީސްއަކު ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ޓްރަމްޕް ވައިޓް ހައުސް ދޫކުރައްވާ "އެންޑްރިއު ބޭސް" އަށް ވަޑައިގެންނެވީ މިއަދު ރާއްޖެގަޑިން ހަވީރު 6 ޖެހި ފަހުންނެވެ. އެތަނުގައި މުހާތަބު ކުރެއްވުމަށްފަހު އެއަރ ފޯސް 1ގައި އޭނާ ދަތުރުކުރައްވާނީ ފްލޮރިޑާއަށެވެ.

ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި، ޓްރަމްޕް ދެން ވަގުތު ހޭދަކުރައްވާނީ ޕާމް ބީޗުގައި ހުންނަ އޭނާގެ ގޮލްފް ކްލަބުގައެވެ. ޓްރަމްޕް ވެރިކަން ނިމުމަކާއި ގާތްވެފައިވާއިރު، ވެރިކަމުގެ ފަހު ދުވަސްކޮޅުގައި އޭނާ ވަނީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ 140 މީހުންނަށް މައާފް ދެއްވާފައެވެ. އޭގެ ތެރޭގައި އޮޅުވާލުމުގެ ތުހުމަތުގައި ޖަލު ހުކުމް ތަންފީޒުކުރަމުންދާ ޓްރަމްޕްގެ ކުރީގެ އެޑްވައިސަރު ސްޓީވް ބެނަންވެސް ހިމެނެއެވެ.

އެމެރިކާގެ 46 ވަނަ ރައީސް ޖޯ ބައިޑެން ހުވާ ކުރުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެ ގަޑިން 10:30ގައެވެ. އެ ސަރަހައްދުގައި ސެކިއުރިޓީ ވަރުގަދަ ކުރެވިފައިވާއިރު، މައުލޫމާތު ލިބޭގޮތުން 25،000 ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވާނެއެވެ. މިއީ ޓްރަމްޕް އިސްވެ ހުންނަވައި ކެޕިޓަލް ހިލްގައި ކުރިއަށް ގެންދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.