ލޯކަލް ކައުންސިލްގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު އަންނަ ޖޫން މަހަށް ފަސްކުރުމަށް ސިޔާސީ ޕާޓީތަކުގެ އަރިހުން އިލެކްޝަންސް ކޮމިޝަނުން އެދިއްޖެއެވެ.

އެގޮތަށް އެ ކޮމިޝަނުން އެދިފައިވަނީ މިއަދު ބޭއްވެވި އެޑްވައިޒަރީ ކޮމެޓީގެ ބައްދަލުވުމުގައެވެ. 

މި ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ހުށަހަޅާފައިވާ ޑްރާފްޓް ގައިޑްލައިނާއި ގުޅޭގޮތުން ހުރި ގިނަ ކަންބޮޑުވުންތަކެއް ސިޔާސީ ޕާޓީތަކުން ފާހަގަކޮށްފައިވެއެވެ. އެގޮތުން، އެކަށީގެންވާ ގޮތަކަށް ކެމްޕޭން ކުރުމުގެ ފުރުސަތު ނުލިބޭކަމަށް ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީއިން ފާހަގަކޮށްފައިވާއިރު، އެކަމަށް ޕީޕީއެމް-ޕީއެންސީ ކޯލިޝަނުންވެސް ވަނީ އެއްބަސްވެފައެވެ.

އެ ޕާޓީ ތަކުން އެދިފައިވަނީ ދޮރުން ދޮރަށް ކެމްޕޭން ކުރުމުގެ ހުއްދަ ދިނުމަށެވެ. އެގޮތުން، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، ގޭގައި ދިރިއުޅޭ ފަރާތްތަކުގެ ހުއްދަ ލިބިގެން ގެއަށް ވަނުމަކީ މައްސަލައަކަށް ވެގެން ނުވާނެކަމަށް އިދިކޮޅުންނާއި އެމްޑީޕީއިން ވެސް އެއްބަސްވެފައިވެއެވެ. މީގެއިތުރުންވެސް، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ، މިހާރު ކެމްޕޭންކުރުމަށް ހަމަހަމަ ފުރުސަތުތައް ނެތްކަމަށެވެ. 

ސަރުކާރު ހިންގާ ޕްރޮޖެކްޓް ތަކުގައި ދަތުރު ކުރުމުގެ ފުރުސަތު ކުންފުނި ތަކުގެ އިސްވެރިންނަށް ލިބޭއިރު، އެ ބޭފުޅުން ކަރަންޓީނު ވާންވެސް ނުޖެހޭކަން ތޮލާލް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ކެމްޕޭނަށް ދާ ފަރާތްތަކުން ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަން ޖެހުމަކީ އިންސާފެއް ނޫންކަމަށާއި، އޭގެ ސަބަބުން ބޮޑެތި ހަރަދުތަކެއްވެސް ހިނގާނެކަން ތޮލާލް ފާހަގަކުރެއްވިއެވެ.

މިވާހަކަތަކަށް ރައްދު ދެއްވަމުން އެމްޑީޕީގެ ޕިޔުޓީ ޗެއަރޕަރސަން އަލީ ނިޔާޒް ވިދާޅުވީ، އެމްޑީޕީއިންވެސް ކެމްޕޭނު ކުރަމުން ނުދާކަމަށެވެ. އެހެންނަމަވެސް، ސަރުކާރުން ހިންގާ މަޝްރޫއުތަކުގައި ސަރުކާރުގެ ފަރާތުން ވަޑައިގަންނަވާ ބޭފުޅުން ރަށްރަށަށް ފޮނުވުން އެމްޑީޕީއަކަށް ނުހުއްޓުވޭނެކަމަށް އަލީ ނިޔާޒް ވިދާޅުވިއެވެ.

މި ހުރިހާ ކަމަކަށް ރިއާޔަތް ކުރުމަށްފަހު އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް އެދިލެއްވީ އިންތިޚާބު އަންނަ ޖޫން މަހުގެ ނިޔަލަށް ފަސްކޮށްދިނުމަށެވެ. މިކަމާއި ގުޅިގެން "ޖަޒީރާ"އަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ، ޕެންޑެމިކް ތެރޭގައި އިންތިޚާބު ބޭއްވުމަށް ވުރެ ރަނގަޅީ ނޯރމަލް ހާލަތުގައި އިންތިޚާބު ބޭއްވުނަ ކަމަށެވެ. 

މިއަދު ދިވެހިރާއްޖެއަށް ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ގެނެވިފައިވާއިރު، މިއީ ލިބުނު އިތުރު ފުރުސަތެއްގެ ގޮތުގައި ޝަރީފް ވަނީ ސިފަ ކުރައްވާފައެވެ. ވެކްސިނޭޝަން ޕްރޮގްރާމް ފެއްޓުމަށްފަހު އިންތިޚާބު ބާއްވާނަމަ ކެމްޕޭން ކުރުމަށްވެސް އެކަށީގެންވާ ހަމަހަމަ ފުރުސަތު ލިބޭނެކަމަށާއި މިހާރު ދިމާވެގެންއުޅޭ ފައިސާގެ ދަތިކަންވެސް ހައްލުވެގެން ދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

އެހެންނަމަވެސް، އަލަށް ފާސްކުރުވުނު ޤާނޫނުގައި ވާ މުއްދަތުގެ ތެރޭގައި އިންތިޚާބު ބާއްވަން އީސީއިން ދެކޮޅު ނުހަދާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ސިޔާސީ ޕާޓީތަކުގެ އިސްފަރާތްތަކުގެ އަރިހުން އިންތިޚާބު ލަސްކުރުމަށް އެދުނީ އެއީ އެންމެ ރަނގަޅު ގޮތްކަމަށް ފެންނާތީކަމަށް ޝަރީފް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ޤާނޫނަށް ގެނެވުނު އިސްލާހާއެކުވެސް މެއި މަހުގެ 9 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަންޖެހެ އެވެ. ގާނޫނުގައި ބަޔާންކުރާ މުއްދަތުގައި އިންތިހާބު ނުބޭއްވޭނެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ސަބަބާއެކު އޭގެ 30 ދުވަސްކުރިން ރައްޔިތުންގެ މަޖިލީހަށް އަންގަންޖެހޭނެއެވެ. މިހާރު އިންތިހާބު ބޭއްވުމަށް މަސައްކަތްކުރަމުން އަންނަނީ އޭޕްރީލް މަހުގެ 3 ވަނަ ދުވަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.