މި ސަރަހައްދުގެ ގައުމްތަކުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އިންޑިއާއިން ލޯޑަރޝިޕް ރޯލެއް ކުޅެމުން އަންނަ ކަމަށް އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވެއްޖެއެވެ.

ހައި ކޮމިޝަނަރ މިހެން ވިދާޅުވީ، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިވެހިރާއްޖެއަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ 100،000 ޑޯޒްގެ ވެކްސިން ދިވެހި ސަރުކާރާއި ހަވާލުކޮށްދެއްވުމަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އިންޑިއާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދީފައިވާ ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑްއާ އެސްޓްރަޒެނިކާ ގުޅިގެން އިންޑިއާގެ ޕޫނޭގައި ހުންނަ ސެރަމް އިންސްޓްޓިޓިއުޝަނުން އުފައްދާފައިވާ ވެކްސިނެކެވެ. މި ރަސްމިއްޔާތުގައި، އިންޑިއާއަކީ ދުނިޔޭގެ ފާރމަސީ ގޮތުގައި ސިފަ ކުރައްވަމުން ހައި ކޮމިޝަނަރ ވިދާޅުވީ، މުޅި ދުނިޔޭގައިވެސް ބޭނުންކުރާ ވެކްސިންގެ 60 އިންސައްތަ ވެކްސިން އުފައްދަނީ އިންޑިއާއިން ކަމަށެވެ. ސެރަމް އިންސްޓިޓިއުޓްއަކީ ވެކްސިން އުފައްދާ އެންމެ ބޮޑު ކުންފުންޏަށް ވާއިރު، އެ ކުންފުނިން ކޮންމެ އަހަރަކު ދުނިޔޭގެ 170 ގައުމަކަށް 1.5 ބިލިއަންގެ އެކި ވައްތަރުގެ ވެކްސިން ޑޯޒް ފޯރުކޮށްދެއެވެ.

އިންޑިއާގައި ވެކްސިނޭޝަން ޕްރޮގްރާމް ފެށުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކައިރި ގައުމްތަކަށް ވެކްސިން ފޯރުކޮށްދޭން ފަށާފައިވާކަން ފާހަގަކުރައްވަމުން ސަންޖޭ ސުދީރު ވިދާޅުވީ، ދިވެހިރާއްޖެއަކީ އޭގެ ތެރެއިންވެސް ވެކްސިން ލިބޭ ފުރަތަމަ ގައުމުކަމަށެވެ. ރާއްޖެއިން ގެންގުޅޭ އިންޑިއާ ފަސްޓް ޕޮލިސީ އިންޑިއާއިން ވެސް ދިވެހިރާއްޖެއާ މެދު ގެންގުޅޭ ކަމަށާއި، ރާއްޖެއަކީ އިންޑިއާގެ ޚާރިޖީ ސިޔާސަތުގައި މުހިންމު ރޯލެއް އަދާކުރާ ގައުމެއްކަމަށް ވިދާޅުވިއެވެ.

އިންޑިއާއިން ވެކްސިނޭޝަން ޕްރޮގްރާމް ފަށާފައިވާއިރު، ކައިރި ގައުމްތައް މަތިން ހަނދާން ނައްތާނުލައްވާނެކަން އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީވެސް ވަނީ ފާހަގަކުރައްވާފައެވެ. މިކަމަށް އިޝާރާތްކުރައްވަމުން ސަންޖޭ ވިދާޅުވީ، ކައިރި ގައުމްތަކުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އިިންޑިއާއިން މުހިންމު ރޯލެއް އަދާކުރަމުން އަންނަކަމަށެވެ.

މީގެއިތުރުންވެސް، ސަންޖޭ ވަނީ ދިވެހިރާއްޖެއަށް ވެކްސިން ފޯރުކޮށްދެވުމާއި ގުޅިގެން އުފާކުރައްވާކަމަށް ވިދާޅުވެފައެވެ. އެގޮތުން، އިންޑިއާގެ އެހީއާއެކު ވަރަށް އަވަހަށް ރާއްޖެގައި ވެކްސިނޭޝަން ޕްރޮގްރާމް ފެށިގެންދާނެކަމަށާއި މިއާއެކު ދިވެހިރާއްޖޭގެ އިގްތިސާދުވެސް ހަމަ މަގަށް އެޅޭނަކަމަށް ސަންޖޭ ސުދީރު ވިދާޅުވިއެވެ.

ވެކްސިންގެ އިތުރުން ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް އިންޑިއާއިން އަންނަނީ ދިވެހިރާއްޖެއަށް ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން، 250 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައިވާއިރު، މެޑިކަލް ސަޕްލައިސްއާއި ފަންނީ އެހީތެރިކަންވެސް އިންޑިއާއިންވަނީ ފޯރުކޮށްދީފައެވެ. އަދި، އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައިވީ ނަމަވެސް، ސިއްހީ ފަރުވާއަށް 3000 އަށްވުރެ ގިނަ ދިވެހިންނަށް މެޑިކަލް ވިސާވެސް ދޫކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.