އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިވެހިރާއްޖެއަށް ފޯރުކޮށްދީފައިވާ ވެކްސިންގެ 100،000 ޑޯޒް މިއަދު ދިވެހިރާއްޖެއަށް އައުމާއެކު، އުންމީދު އައު ވެއްޖެކަމަށް މިނިސްޓަރ އޮފް ހެލްތު އަހްމަދު ނަސީމް (ކެރަފާ ނަސީމް) ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ވެކްސިން ދިވެހިރާއްޖެއަށް ގެނައުމާއި ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން، މިއަދު މި ފާހަގަ ކުރެވެނީ އިންޑިއާ އާ ދިވެހިރާއްޖެއާ ދެމެދު އޮންނަ ގާތް ރަހުމަތްތެރިކަމުގެ ނަތީޖާ ކަމަށް މި ރަސްމިއްޔާތުގައި ނަސީމް ވިދާޅުވިއެވެ.
ދިވެހިރާއްޖެއިން އެހީއަށް ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދޭކަމަށާއި، ކޮވިޑް-19ގެ ހާލަތުގައި ވެސް ގިނަ އެހީތަކެއް ފޯރުކޮށްދީފައިވާކަން މިނިސްޓަރ ނަސީމް ފާހަގަކުރެއްވިއެވެ. އެގޮތުން، ކޮވިޑް-19 އިން އަރައިގަތުމަށް 2020 ވަނަ އަހަރު އިންޑިއާއިން 250 މިލިއަން ޑޮލަރުގެ އެހީއެއް ފޯރުކޮށްދީފައިވެއެވެ. މިއީ އެ ގައުމުން ފޯރުކޮށްދީފައިވާ މެޑިކަލް ސްޕަލައިސްއާއި، ކާބޯތަކެތީގެ ޝިޕްމެންޓާއި، މެޑިކަލް ޑޮކްޓަރުންގެ އެހީތެރިކަމުގެ އިތުރުން ފޯރުކޮށްދިން އެހީއެކެވެ.
މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަދަވަމުން ނަސީމްވަނީ ވެކްސިންގެ ސަބަބުން އުންމީދުތައް އައު ވެއްޖެކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން، އިގްތިސާދު ހަމަ މަގަށް އެޅި ރައްޔިތުންގެ ދިރިއުޅުންވެސް އަނެއްކާވެސް ކުރިން އޮތް ހާލަތަށް ދާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ނަސީމް ވިދާޅުވިއެވެ.
އިންޑިއާއިން ރާއްޖެ އަށް ހަދިޔާކުރި ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑްއާ އެސްޓްރަޒެނިކާ ގުޅިގެން އިންޑިއާގެ ޕޫނޭގައި ހުންނަ ސެރަމް އިންސްޓްޓިޓިއުޝަނުން އުފައްދާފައިވާ ވެކްސިނެކެވެ. ސެރަމް އަކީ ކޮންމެ އަހަރަކު ދުނިޔޭގެ 170 ގައުމަކަށް 1.5 ބިލިއަންގެ އެކި ވައްތަރުގެ ވެކްސިން ޑޯޒް ފޯރުކޮށްދޭ ކުންފުންޏެކެވެ.
ނަސީމް ވިދާޅުވީ، އިންޑިއާއިން ގެންސްފައިވާ ވެކްސިނަކީ ދިވެހިރާއްޖެއަށް ގެނައުމަށް ނިންމާފައިވާ ވެކްސިންތަކުގެ ތެރެއިން އެންމެ ފުރަތަމަ ބެޗްކަމަށެވެ. އެގޮތުން، އޮކްސްފޯޑްއާ އެސްޓްރަޒެނިކާގެ ސައުތު އީސްޓް އޭޝިއާ ޕްލާންޓާއި އެކު މިހާރު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، އެ ވެކްސިންވެސް ދިވެހިރާއްޖެއަށް ވަރަށް އަވަހަށް އަންނާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާކަމަށް ނަސީމް ވިދާޅުވިއެވެ.
މިއާއެކު، މުޅި ދިވެހި ރާއްޖޭގެ އާބާދީއަށް ވެކްސިން ލިބޭނެކަމަށާއި، މިއީ މިކަން މިގޮތަށް ކުރާނެ ފުރަތަމަ ގައުމަށްވުންވެސް އެކަށީގެންވާކަމަށް ނަސީމް ވިދާޅުވިއެވެ.