މިއަދު އިންޑިއާ އިން ރާއްޖެ ގެނައި ކޮވިޑް ވެކްސިނަކީ ތިން ފޭސް ޓްރަޔަލް ނިންމާފައިވާ އަދި ރައްކާތެރި ވެކްސިނެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.
ޝާހިދު އެހެން ވިދާޅުވީ، އިންޑިއާއިން ރާއްޖެ އަށް ހަދިޔާކުރި 100،000 ޑޯޒްގެ ވެކްސިންގެ ޝިޕްމެންޓް ހަވާލުކުރުމަށް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.
ޝާހިދު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ވެކްސިން ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމިނިސްޓްރީއާ ހަވާލުކުރެއްވި މަސައްކަތް ކުރިޔަށްދާ ކަމަށާއި، މިއަދަކީ އެ މަސައްކަތަށް އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެއް ކަމަށެވެ.
އިންޑިއާއިން ރާއްޖެ އަށް ހަދިޔާކުރި ވެކްސިނަކީ ހިލޭ އެހީގެ ދަށުން ހަދިޔާކޮށްފައިވާ ވެކްސިނެއް ކަމަށާއި، ރައީސް ސޯލިހު ވިދާޅުވި ފަދައިން ރާއްޖޭގެ ރައްޔިތުންނަށް ވެކްސިން ލިބޭނެ ހުރިހާ މަގެއް ކަށަވަރުވެފައިވަ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އިންޑިއާއިން ރާއްޖެ އަށް ހަދިޔާކުރި ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑްއާ އެސްޓްރަޒެނިކާ ގުޅިގެން އިންޑިއާގެ ޕޫނޭގައި ހުންނަ ސެރަމް އިންސްޓްޓިޓިއުޝަނުން އުފައްދާފައިވާ ވެކްސިނެކެވެ. ސެރަމް އަކީ ކޮންމެ އަހަރަކު ދުނިޔޭގެ 170 ގައުމަކަށް 1.5 ބިލިއަންގެ އެކި ވައްތަރުގެ ވެކްސިން ޑޯޒް ފޯރުކޮށްދޭ ކުންފުންޏެކެވެ.
އިންޑިއާގެ އަވަށްޓެރި ގައުމުތަކަށް ތެރެއިން އެންމެ ފުރަތަމަ ވެކްސިން ލިބުނު ގައުމަކަށް ރާއްޖެ ވެގެން ދިޔުމުން އިންޑިއާ އަށް ތައުރީފް ކުރަމުން ޝާހިދު ވިދާޅުވީ، މިކަމުން އަންގައިދެނީ އިންޑިއާ އިން އަވަށްޓެރިންނާއެކު ބާއްވާ ގާތް ރަހުމަތްތެރިކަން ކަމަށެވެ. އަދި އެއީ ރާއްޖެއާ ބާއްވާ ގާތް ގުޅުމުގެ ރަމްޒެއްގެ ގޮތުގައި ޝާހިދު ސިފަކުރެއްވިއެވެ.
ރާއްޖެއަށް ގެނައި ވެކްސިން ޖަހަން ފަށާނެ ތާރިހެއް އަދި ސީދާ ހާމަކޮށްފައިނުވީ ނަމަވެސް ކުރިޔަށް އޮތް މަދު މަސްތަކުގެ ތެރޭގައި އެކަން ފަށާނެ ކަމަށް މިއަދު ގައުމާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.