މަގު ހުރަސްމަތީ ގައި ފުލުހުންގެ ސައިކަލެއް ޕާކްކޮށްފައި ހުންނަ މަންޒަރު ފެންނަ ކަމަށް ބުނެ ދައުރުކުރުވަމުންދާ ފޮޓޯގެ ހަގީގަތް ފުލުހުން މިއަދު އޮޅުން ފިލުވައިދީފިއެވެ.
ފުލުހުން ގެންގުޅޭ ސައިކަލެއް މަގު ހުރަސް މަތީގައި ޕާކް ކޮށްފައި ހުންނަ ފޮޓޯ ޓްވީޓްކޮށް ޝޯޝަލް މީޑިއާގައި މީހުން ދަނީ ފާޑުކިޔަމުންނެވެ.
އެ ފޮޓޯގެ ހަގީގަތް އޮޅުން ފިލުވައިދެމުން ފުލުހުން ބުނީ، އެ ފޮޓޯއަކީ މި މަހުގެ 14 ވަނަ ދުވަހު އެދުރު ހިޔާގެ ފްލެޓެއްގައި މީހެއްގެ ގައިގައި އަލިފާން ރޯވިކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހާދިސާ ހިނގިތަނަށް ފުރަތަމަ ދިޔަ ފުލުހުން އިމަރޖެންސީ ހާލަތެއްގައި ސައިކަލް ޕާކްކޮށްފައިވާ މަންޒަރުތައް ކަމަށެވެ.
ފުލުހުން ބުނީ، އެހާދިސާގައި މީހާގެ ހެދުމުގައި އަލިފާން ހިފިނަމަވެސް ހަށިގަނޑަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.
ރައްޔިތުންނަށް ދިމާވާ ކޮންމެ ބޮޑުކަމެއްގައި އެންމެ ފުރަތަމަ އެންމެ ގާތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އެންމެ އިސް ވާޖިބުކަމުގައި އަބަދުވެސް ދެކޭނެ ކަމަށް ފުލުހުން ބުންޏެވެ.