ގިނަ މީހުން އެއްވެ ގައިގޯޅިކޮށް ބާއްވާ އެއްވުންތައް މިވަގުތަށް އަދިވެސް މަޑުޖައްސާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިލްތިމާސް ކުރައްވައިފިއެވެ.
އެއްވުންތައް މަޑުޖައްސާލަން ރައިސް އިލްތިމާސް ކުރެއްވި ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އިންޑިއާ އިން ރާއްޖެއަށް ދިން ވެކްސިންއާ އެކު އުއްމީދު އާވެއްޖެކަން ފާހަގަކުރައްވައި ރައިސް ވިދާޅުވީ، އެ އުންމީދާއެކުވެސް ކުރަންޖެހޭ ވަރަށް ބައިވަރު މަސައްކަތްތައް އެބަހުރި ކަމަށެވެ. ސިއްހީ މާހިރުން ދެއްވާ ލަފަޔާއި އިރުޝާދާ އެއްގޮތަށް، އަމަލުތައް ބަހައްޓަން އަދި ވަކިން ހާއްސަކޮށް ބޭރަށް ނިކުމެ އުޅޭއިރު މާސްކު އަޅަން އެމަނިކުފާނު ރައްޔިތުންނަށް އިލްތިމާސް ކުރެއްވިއެވެ.
''ގިނަ މީހުން އެއްވެ ގައިގޯޅިކޮށް ބާއްވާ އެއްވުންތައް މިވަގުތަށް އަދިވެސް މަޑުޖައްސަވާލައްވާ. ގިނަގިނައިން އަތް ދޮވެ ސާފުތާހިރުކޮށް ތިއްބެވުމަށާއި ގައިދުރުކަން ދެމެހެއްޓުމަށް އިސްކަން ދެއްވާ''
އެއްވުންތައް ނުބާއްވަން ރައީސް އިލްތިމާސް ކުރައްވާފައިމިވަނީ، ރާއްޖެއިން ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު ދަށަށް ދިޔުމަށް ފަހު އަނެއްކާވެސް އިތުރުވުމެއް އައިސްފައި ވަނިކޮށެވެ. މި ފަހުން މާލޭގައި ގިނަ ބަޔަކު އެއްވެގެން ބޭއްވި ހަފްލާއަކުން ވަނީ ބޮޑު ކްލަސްޓާއެއް އުފެދި ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެފައެވެ. އެ ކްލްސާޓާއާ ގުޅުން ހުރި 200 އަށް ވުރެ ގިނަ މީހުން ވަނީ ކަރަންޓީނު ކޮށްފައެވެ.