އަދާލަތު ޕާޓީގެ ރައީސް އަދި ނައިބް ރައީސް ހޮވަން ބާއްވާ، ރިޔާސީ އިންތިހާބު ގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް ހާމަކުރަން ޕާޓީން ދެކޮޅު ހަދައިފިއެވެ.
އަދާލާތު ޕާޓީގެ ރިޔާސީ އިންތިހާބު ބާއްވާން ތާވަލުކޮށްފައިވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. ދެ ފަހަރެއްގެ މަތިން ޕާޓީގެ ރައީސް ކަމަށް ކުރިމަތިލަން ވަނީ ފުރުސަތު ހުޅުވާލާފައެވެ. ދެވަނަ ފަހަރަށް އިއްޔެ ފުރުސަތު ހުޅުވާލާއިރު، ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވާނެކަން ރަސްމީ ގޮތުން އިއުލާން ކޮށްފައިވަނީ މިހާރުވެސް ޕާޓީގެ ރައީސް ކަމުގެ މަގާމު ފުރުއްވަމުންގެންދަވާ އިމްރާން އަބްދުﷲއެވެ.
މިހާރު ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ މައުލޫމާތު ހޯދާލަން ''ޖަޒީރާ'' އިން ގުޅާލުމުން ޕާޓީގެ ސެކެރެޓަރީ ޖެނެރަލް ޝޭހް އަބްދުﷲ ރަޝީދު ވިދާޅުވީ، ކެނޑިޑޭޓުންގެ ނަންތައް ހާމަކުރެވެން މިވަގުތު ނެތް ކަމަށެވެ. އަދި ފަހުން ހާމަކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އިންތިހާބު ވެގެންދާނީ ވަރަށް ވާދަވެރި އިންތިހާބެއްގެ ގޮތުގައި އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު ހިމެނޭ ޕޯޓަލްއެއް އަދާލަތުން ވަނީ ގާއިމްކޮށްފައެވެ. އެ ޕޯޓަލް ގައި މޯބައިލް ނަންބަރާއި، އައިޑީ ކާޑު ނަންބަރު ޖެހުމުން މެމްބަރުންގެ މައުލޫމާތު ލިބޭނެއެވެ. އިލެކްޝަން ކޮމިޝަން (އީސީ) ގެ ދަފްތަރުގައި ދައްކާ ގޮތުން އަދާލަތު ޕާޓީގެ 6629 މެމްބަރުން އެބަތިބިއެވެ. ކޮވިޑްގެ ހާލަތާއި ގުޅިގެން މި ފަހަރުގެ އިންތިހާބު ބާއްވަނީ އޮޮންލައިންކޮށެވެ.