އެމެރިކާގެ ރައީސްގެ މަގާމާއި އަލަށް ހަވާލުވެވަޑައިގަންނަވާ ޖޯ ބައިޑެންގެ ސަރުކާރުން އީރާނާއެކު އަލުން ނިއުކްލިއަރ އެއްބަސްވުމެއްގައި ސޮއިކުރާނެކަން ހާމަކޮށްފިއެވެ.
އެގައުމުގެ ސެނެޓުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން ބައިޑެންގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމަށް ވަޑައިގަންނަވާ އެންޓޮނީ ބްލިިންކެން ވަނީ މިކަން ހާމަކުރައްވާފައެވެ. އެ ކޮމިޓީގައި ބްލިންކެން ވިދާޅުވީ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން ވަކިވި އެއްބަސްވުން އަލުން އީރާނާއެކު ބައިޑެންގެ ސަރުކާރުން ގާއިމްކުރައްވާނެ ކަމަށެވެ. އަދި މި އެއްބަސްވުމަކީ ކުރިން ގާއިމްކުރި އެއްބަސްވުމަށްވުރެ ހަރުދަނާ އަދި ދިގު މުއްދަތަކަށް ގާއިމްކުރެވިގެންދާނެ އެއްބަސްވުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އީރާނަށް ޕްރެޝަރު އިތުރުކުރުމަށް ކަމަށް ބުނެ ރައީސް ޓްރަމްޕްގެ ސަރުކާރުން އެމެރިކާއިން އީރާނާއެކު ސޮއިކޮށްފައި އޮތް ނިއުކްލިއަރ އެއްބަސްވުމުން ވަކިވީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. އަދި އެއަށްފަހު އީރާންގެ އިސް އޮފިޝަލުންނަށް އެމެރިކާ އިސްވެ އޮވެ ހަމަލާދީފައިވެސް ވެއެވެ. އެގޮތުން އެގައުމުގެ އަސްކަރިއްޔާގެ އިސް ޖެނެރަލެއް ކަމަށްވާ ގަސެމް ސޮލެމާނީއަށް ވެސް ހަމަލާދީ މަރާލާފައިވެއެވެ. މިކަމުގެ ސަބަބުން އެ ސަރަހައްދުގައި އެމެރިކާއަށް އިތުރު ނުރައްކާތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް ބްލިންކެން ވިދާޅުވިއެވެ.
ރައީސް ޓްރަމްޕްގެ ޚާރިޖީ ސިޔާސަތުގެ ދަށުން ނިންމަވާފައިވާ ވަރަށް ގިނަ ނިންމެވުންތަކެއް ބައިޑެން ވެރިކަމާއި ހަވާލުވެވަޑައިތުމަށްފަހު ބަދަލުކުރައްވާނެކަން ވަނީ ހާމަކުރައްވާފައެވެ.