އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީގެ މައްޗަށް ކުރި ހޯދައި ތާވަލުގެ އެއްވަނައަށް ވަގުތީ ގޮތުން ލެސްޓާ ސިޓީ ޖެހިލައިފިއެވެ.
އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗު ލެސްޓާއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެޓީމުން ޖެހި ފުރަތަމަ ލަނޑު މެޗުގެ 6 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ވިލްފްރީޑް އެންޑީޑީއެވެ. ލެސްޓާއިން ޖެހި ދެވަނަ ލަނޑު ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް އެޓީމަށް ޖަހައިދިނީ ޖޭމްސް މެޑިސަންއެވެ.
އާސެނަލް އަދި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗު 3-0 އިން ކާމިޔާބުކުރީ އާސެނަލްއެވެ. އެޓީމުގެ ފުރަތަމަ ލަނޑު 50 ވަނަ މިނެޓުގައި ޕިއޭ އެމެރިކް އޮބަމަޔަންގ ޖަހައިދިންއިރު ދެވަނަ ލަނޑު 60 ވަނަ މިނެޓުގައި ޖަހައިދިނީ ބުކަޔޯ ސާކާއެވެ. އަދި އެޓީމުގެ ތިންވަނަ ލަނޑު 77 ވަނަ މިނެޓުގައި ޖަހައިދިނީ ވެސް އޮބަމަޔަންގއެވެ.
ވެސްޓް ހާމްގެ ދަނޑުގައި ވެސްޓް ބްރޮމްއާ ދެކޮޅަށް އެޓީމު ކުޅުނު މެޗު ވަނީ 2-1 އިން ކާމިޔާބުކޮށްފައެވެ. ވެސްޓް ހަމްގެ ލަނޑުތައް ޖެރޮޑް ބޮވެން އަދި މިޝައިލް އެންޓޯނިއޯ ޖަހައިދިންއިރު ވެސްޓް ބްރޮމްއިން މެޗުގައި ޖެހި ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ މެތައުސް ޕެރޭރާއެވެ.
ޕްރިމިއަރ ލީގުގެ ތާވަލުގެ އެއްވަނައިގައި ކުޅުނު 19 މެޗުން ލިބުނު 38 ޕޮއިންޓާއެކު ލެސްޓާ އޮތްއިރު ދެވަނައިގައި އެއް މެޗު މަދުން ކުޅެގެން 37 ޕޮއިންޓާއެކު އޮތީ މެންޗެސްޓަރ ޔުނައިޓެޑްއެވެ. ތިންވަނަ 35 ޕޮއިންޓާއެކު އޮތް ސިޓީއަށް ލިބޭއިރު ހަތަރުވަނައިގައި އޮތީ އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލްއެވެ.