ރާއްޖޭގައި ބޭނުންކުރާ ހުރިހާ ވެކްސިންއެއް ވެސް ދުނިޔޭގެ ސިއްޚަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ މިންގަނޑުތަކަށް ފެތޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން ވަނީ ރާއްޖޭގައި ބޭނުންކުރުމަށް ހުއްދަ ދެވޭ ވެކްސިންތަކަކީ ދުނިޔޭގެ ސިއްޚަތު ޖަމިއްޔާގެ މިންގަނޑުތަކަށް ފެތޭ ރައްކާތެރިކަމުގެ މިންގަނޑުތައް ބަލައި ކަށަވަރުކޮށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ އޮންނާނެ ވެކްސިންތަކެއް ކަމަށް ބުނެފައެވެ. އަދި ވެކްސިން ޖެހުމުން އަންނަ ސައިޑް އިފެކްޓަތައް ވަރަށް ރަނގަޅަށް މޮނިޓަރ ކުރެވިގެންދާނެ ކަމަށް ވެސް ބުނެފައެވެ.
އެޗްޕީއޭއިން މިހެން ހާމަކޮށްފައިވާއިރު މާދަމާ ކޮވިޑް 19 ގެ ފުރަތަމަ ވެކްސިން އިންޑިއާއިން ރާއްޖެއަށް ގެންނާނެއެވެ. އެގޮތުން މި ވެކްސިންއަކީ އެގައުމުގެ ސެރަމް އިންސްޓިޓިއުޓުން އުފެއްދި އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިންއެވެ. އެހެން ނަމަވެސް ބައެއް ފަރާތްތަކުން އަންނަނީ އިންޑިއާއިން ރާއްޖެއަށް ގެންނަނީ އެގައުމުގެ ބާރަތު ބަޔޯޓެކްއިން އުފެއްދި ވެކްސިން ކަމަށް ބުނަމުންނެވެ. މި ވެކްސިން އިމަޖެންސީ ހުއްދައިގެ ދަށުން އިންޑިއާގައި ބޭނުންކުރަމުން އައި ނަމަވެސް ތިންވަނަ މަރުހަލާގެ ޓެސްޓްތަކެއް ނިމިފައެއް ނުވެއެވެ.