ކޮވިޑް 19 ފެތުރެން ފެށި ފަހުން އެ ދުވަހަކަށް އެންމެ ބޮޑު އިންތިޒާރެއް ދިވެހިން ކުރަމުން އައި ދުވަހަކީ ވެކްސިންއެއް ރާއްޖެއަށް ގެނެވޭނެ ދުވަހާކާއި މެދުއެވެ. މިއަދު ހަވީރުގެ ވަގުތެއްގައި ހުރިހާ ދިވެހިންނަށް ވެސް ލިބިގެންދިޔަ އެންމެ އުފާވެރި ޚަބަރަކީ މާދަމާ މެންދުރު 14:00 ގައި އަންނަ އެއަރ އިންޑިއާގެ ފްލައިޓުން އިންޑިއާއިން ރާއްޖެއަށް ކޮވިޑް ވެކްސިން ފޮނުވާ ޚަބަރެވެ. އެގައުމުގެ ސަރުކާރުން މިކަން ޔަގީންކޮށްދީފައިވާއިރު މިއީ ކޮވިޑްއިން އަރައިގަތުމަށް ދިވެހިން ކުރަމުންދާ މަސައްކަތުގައި ލިބިގެންދިޔަ އެންމެ ބޮޑު ކުރިއެރުމެވެ. 

އެހެން ނަމަވެސް އިންޑިއާއިން ރާއްޖެއަށް ގެންނަ ވެކްސިންއަކީ އެގައުމުގެ ކުންފުންޏެއް ކަމަށްވާ ބާރަތު ބަޔޯޓެކްއިން އުފެއްދި ވެކްސިން ކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ. މި ވެކްސިން އިންޑިއާގައި ބޭނުންކުރުމުގެ ހުއްދަ ދީފައިވީ ނަމަވެސް ތިންވަނަ މަރުހަލާގެ ޓެސްޓްތައް ނިމިފައެއް ނުވެއެވެ. ތިންވަނަ މަރުހަލާގެ ޓެސްޓްތައް ނުނިމޭ ވެކްސިންއެއް ރާއްޖެ ގެންނަ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭފަދަ ގޮތަށް ވާހަކަ ދައްކަމުންނެވެ. އެހެންކަމުން މާދަމާ ރާއްޖެ ގެންނަ ވެކްސިންގެ ބައެއް ތަފްސީލީ މައުލޫމާތުތައް މި ރިޕޯޓްގައި ހިއްސާކޮށްލާނަމެވެ.

އިންޑިއާގެ ހުރިހާ ނޫހަކުން ވެސް ރިޕޯޓްކޮށްފައިވާ ގޮތަށް އަދި ދެގައުމުގެ އިދާރާތަކުން ވެސް ހާމަކޮށްފައިވާ ގޮތަށް ރާއްްޖެ ގެންނަ ކޮވިޑް ވެކްސިންއަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އިނގިރޭސިވިލާތުގެ އެސްޓްރަޒެނެކާ ފާމަސިއުޓިކަލް ކުންފުނި ގުޅިގެން އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިންއެވެ. މި ވެކްސިންއަކީ ފައިޒަރއިން އުފެއްދި ވެކްސިން ގޮތަށް މައިނަސް 70 ޑިގްރީގައި ރައްކާ ކުރަން ނުޖެހޭ ވެކްސިންއެކެވެ. އެހެންކަމުން މި ވެކްސިންއަކީ ރާއްޖެ ފަދަ ގައުމެއްގައި އެއް ތަނުން އަނެއް ތަނަށް ގެންދިޔުމަށް ވެސް ފަސޭހަވާނެ ވެކްސިންއެކެވެ. 

މި ވެކްސިން އިންޑިއާގައި އުފައްދަނީ ޕޫނޭގައި ހުންނަ ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިންނެވެ. މިއީ ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ އަދަދަކަށް ވެކްސިން އުފައްދާ ކުންފުންޏެވެ. އަހަރެއްގެ މައްޗަށް މި ކުންފުނިން 1.5 ބިލިއަން ޑޯޒްގެ ވެކްސިން އުފައްދާއިރު ދުނިޔޭގައި އުފައްދާ 60 އިންސައްތަ ވެކްސިން އުފައްދާ ގައުމަކީ އިންޑިއާއެވެ. ހަމައެހެންމެ ދުނިޔޭގެ ސިއްޚަތު ޖަމިއްޔާއިން އެންމެ ބޮޑަށް އިތުބާރުކުރާ ވެކްސިން ވެސް އުފައްދަނީ އިންޑިއާގައެވެ. އެގޮތުން އިންޑިއާގައި އުފައްދާ 47 ވެކްސިންއަކަށް ދުނިޔޭގެ ސިއްޚަތު ޖަމިއްޔާއިން ހުއްދަ ދީފައިވާއިރު ޗައިނާގައި އުފައްދާ ވެކްސިންތަކުގެ ތެރެއިން އެ އިދާރާއިން ހުއްދަ ދީފައިވަނީ އެންމެ ފަސް ވެކްސިންއަށެވެ. މިކަމުން ވެސް އިންޑިއާއަކީ ވެކްސިން އުފެއްދުމުގައި އެފަދަ ދެވަނައެއް ނުވާ ގައުމެއްކަން ސާބިތުވެއެވެ. 

ކޮވިޝީލްޑް ވެކްސިން އުފައްދަން ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން މަސައްކަތް ފެށީ މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. މި ވެކްސިންގެ ތަހުލީލުތައް އެންމެ ފުރަތަމަ ކުރިޔަށް ދިޔަ އޮކްސްފޯޑުން ވެކްސިން ހުރި 1 މިލިލީީޓަރުގެ ވައިލްއެއް އެ ކުންފުންޏަށް ލިބުމާއެކު ވެކްސިން އުފެއްދުމުގެ މަސައްކަތް އެ ކުންފުނިން ފެށިއެވެ. އެގޮތުން ކްލިނިކަލް ޓްރަޔަލްތައް ނިމުމުގެ ކުރިން މިނެޓަކު 5،000 ޑޯޒް އުފައްދާ ވަރަށް އެކުންފުނީގެ ގާބިލްކަން އިތުރުކުރިއެވެ. އަދި ތިންވަނަ މަރުހަލާގެ ޓެސްޓްތައް ނިމުނުއިރު މި ވެކްސިންގެ 40 މިލިއަން ޑޯޒް އުފައްދާފައިވެއެވެ. 

ދުނިޔޭގައި ވެކްސިން އުފައްދައި އެހެން ގައުމުތަކަށް ފޯރުކޮށްދިނުމަށް އެންމެ ގާބިލް ގައުމަކީ އިންޑިއާއޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ރާއްޖޭގެ ސިއްޚީ އިދާރާތަކުން ވެސް ވަނީ ރާއްޖޭގައި ބޭނުންކުރުމަށް ހުއްދަ ދެވޭ ވެކްސިންތަކަކީ ދުނިޔޭގެ ސިއްޚަތު ޖަމިއްޔާގެ މިންގަނޑުތަކަށް ފެތޭ ރައްކާތެރިކަމުގެ މިންގަނޑުތައް ބަލައި ކަށަވަރުކޮށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ އޮންނާނެ ވެކްސިންތަކެއް ކަމަށް ބުނެފައެވެ. އަދި ވެކްސިން ޖެހުމުން އަންނަ ސައިޑް އިފެކްޓަތައް ވަރަށް ރަނގަޅަށް މޮނިޓަރ ކުރެވިގެންދާނެ ކަމަށް ވެސް ރާއްޖޭގެ ސިއްޚީ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ. 

ރާއްޖެއިން ވެކްސިން ހޯދުމުގައި އަމަލުކުރާނެ ގޮތް މީގެކުރިން ވެސް ސަރުކާރުން އޮތީ ހާމަކޮށްފައެވެ. ރާއްޖެއަކީ ކުޑަ ގައުމަކަށްވުމާއެކު ހިލޭ ބޭރު ގައުމުތަކުންނާއި އިދާރާތަކުން ވެކްސިން ފޯރުކޮށްދިން ނަމަވެސް ވެކްސިން ލިބޭނެކަން ކަށަވަރުކުރަން ސަރުކާރުން އޮތީ ވެކްސިން ގަތުމަށް ވެސް ނިންމާފައެވެ. އެގޮތުން ވެކްސިން ހޯދުމަށްޓަކައި ދިވެހި ސަރުކާރާއި ސިންގަޕޫރުގެ ކުންފުންޏެއް ކަމުގައިވާ އެސްޓްރާޒެނެކާ ސިންގަޕޯރ ޕީ.ޓީ.އީ. އެލް.ޓީ.ޑީ.އާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި ވެކްސިން ވެސް ރާއްޖެ އަންނައިރު މިއީ މާދަމާ އިންޑިއާއިން ގެންނަ ވެކްސިންއާ ގުޅުމެއް އޮތް ވެކްސިންއެއް ނޫނެވެ. މާދަމާ ގެންނަ އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިން އަކީ އިންޑިއާގައި ތައްޔާރުކުރާ ވެކްސިންއެއް ކަމަށްވާއިރު ދިވެހި ސަރުކާރުން ގަންނަ ވެކްސިން އުފައްދާނީ ސިންގަޕޫރުގައެވެ. 

މި ދަނޑިވަޅުގައި އެންމެ މުހިންމު ކަމަކީ ދުނިޔޭގެ ސިއްޚަތު ޖަމިއްޔާއާއި ގައުމުތަކުން ހުއްދަ ދީފައިވާ ވެކްސިންއެއް ލިބިގެންދިޔުން ކަމަށްވާއިރު މާދަމާ ގެންނަ ވެކްސިން ވެގެންދާނީ ކޮވިޑްއިން އަރައިގަތުމަށް ދިވެހިން ކުރަމުންދާ މަސައްކަތުގައި ލިބިގެންދާނެ ބޮޑު ކުރިއެރުމަކަށެވެ. މިފަދަ ދަނޑިވަޅެއްގައި ސިއްޚީ އިދާރާތަކާއި ސަރުކާރުގެ ދޭ މައުލޫމާތުތަކަށް ބުރަވާން ޖެހެއެވެ. އަދި އެކި މަގްޞަދުތައް އޮވެގެން މިފަދަ މުހިންމި ކަމެއް އޮޅުވާލުމަށް މަސައްކަތްކުރަމުންދާ ފަރާތްތަކުން ދައްކާ ވާހަކަތަކަށް ބީރު ކަންފަތެއް ދޭންޖެހެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.