ކޮވިޑް-19 އާ ދެކޮޅަށް އިންޑިއާގައި އުފައްދަމުންދާ ވެކްސިންތައް އެހެން ގައުމްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މާދަމާ ފެށިގެންދާނެކަން އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ އިއުލާން ކުރައްވައިފިއެވެ. 

އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި މޯދީ ވިދާޅުވީ، ގައުމްތަކުގެ ސިއްހީ ބޭނުންތައް ފުއްދައިދިނުމަކީ އަބަދުވެސް އިންޑިއާއިން ފަހުރުވެރިކަމާއެކު ކުރަމުން އަންނަ މަސައްކަތެއްކަމަށާއި އެގޮތުގެ މަތިން، ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ބެޗް މާދަމާ ގައުމްތަކަށް ފޮނުވާނެކަމަށެވެ. އަދި ކުރިއަށް އޮތްތާގައި އިތުރު ބެޗްތައްވެސް ފޮނުއްވާނެކަން މޯދީ ވަނީ އިއުލާންކުރައްވާފައެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި، ކޮވިޑް-19 ވެކްސިން ހޯދުމަށް ގިނަ ގައުމްތަކަކުން ވަނީ އިންޑިއާގެ އަރިހުން އެދިފައެވެ. އެގޮތުން، މާދަމާ އިން ފެށިގެން ބޫޓާން، ރާއްޖެ، ބަންގްލަދޭޝް، ނޭޕާލް، މިޔަންމާރ، އަދި ސީޝެލްސްއަށް ވެކްސިން ފޯރުކޮށްދެވޭނެއެވެ. ސްރީލަންކާ، އަފްޣާނިސްތާން އަދި މޮރިޝީއަސްއަށް ވެކްސިން ފޯރުކޮށްދިނުން ލަސްވެފައިވަނީ އެ ގައުމުގެ ސިއްހީ އިދާރާތަކުން ހުއްދަ ދިނުން ލަސްވުމާއި ގުޅިގެންނެވެ. 

ވެކްސިންތައް ފޯރުކޮށްދިނުމުގެ ކުރިން ޓްރެއިނިންގ ޕްރޮގްރާމެއްވެސް ކުރިއަށް ގެންދާކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ. އެގޮތުން، މިއަދާއި މާދާމާ، އިމުނައިޒޭޝަން މެނޭޖަރުންނާއި، ކޮލްޑް ޗެއިން އޮފިސަރުން ހިމެނޭހެން މުހިންމު ގިނަ ބަޔަކަށް ވެކްސިން ޕްރޮގްރާމް ކުރިއަށްގެންދާނެ ގޮތުގެ ތަމްރީން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއާގެ ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމަކީ މުޅި ދުނިޔޭގައިވެސް ކުރިއަށް ގެންދާ މިފަދަ އެންމެ ބޮޑު ޕްރޮގްރާމެވެ. އެހެންކަމުން ވެކްސިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އެ ގައުމަށްވެސް ބޭނުންވާ މިންވަރަށް ވެކްސިން ހުންނާނެ ފަދަގޮތަކަށް، އެކި ފޭޒްތަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފޭޒްގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ސިއްހީ މަސައްކަތްތެރިންނަށާއި ފްރަންޓްލައިން މަސައްކަތްތެރިންނަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.