ޔުނައިޓެޑް ނޭޝަންސް ވޯރލްޑް ޓޫރިޒަމް އޯރގަނައިޒޭޝަން (ޔޫ.އެން.ޑަބްލިއު.ޓީ.އޯ) ގެ "ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީ"ގެ 8 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

ހޯމަ ދުވަހު ސްޕެއިންގެ މެޑްރިޑްގައި ބޭއްްވެވި މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޔޫ.އެން.ޑަބްލިއު.ޓީ.އޯ ކޮމިޝަން އޮފް ސައުތު އޭޝިއާގެ ޗެއަރގެ ހައިސިއްޔަތުން ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމްއެވެ. މިއީ ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ އެގްޒެކެޓިވް ކައުންސިލްގެ 113 ވަނަ ބައްދުލުވުމާއި ގުޅުވައިގެން ބޭއްވެވި ބައްދަލުވުމެކެވެ.

އެގޮތުން، ކޮވިޑް-19ގެ ސަބަބުން ފަތުރުވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، އެކަންތައްތަކަށް ހައްލެއް ހޯދައި ފަތުރުވެރިކަން އަލުން ފެށުމާއި ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް ކޮށްފައިވެއެވެ. ވެކްސިންތައް ޑިވޮލަޕްކުރެވި މިހާރު ގިނަ ބަޔަކަށް ދެވެން ފަށާފައިވާއިރު، ވެކްސިން ޖެހިކަމުގެ ސެޓްފިކެޓް ހިފައިގެން އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރެވޭނެ ގޮތް މަގުފަހިކުރުމަކީ މުހިންމު ކަމެއްކަން މި ބައްދަލުވުމުގައި ބައިވެރިވި ގިނަ މެންބަރުން ފާހަގަކުރެއްވިއެވެ. 

މި ބައްދަލުވުން އިފްތިތާހުކޮށްދެއްވީ މެޑްރިޑްގެ މޭޔަރ ޖޯސް ލުއިސް މާރޓިނެޒް އަލްމޭދިއާއެވެ. އޭނާގެ އިތުރުން ބައިވެރިވެވަޑައިގެން ވާހަކަދެއްކެވި ބޭފުޅުންގެ ތެރޭގައި ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ސެކްރެޓަރީ ޖެނެރަލް ޒޫރަބް ޕޮލޮލިކަޝްވިލި ހިމެނެއެވެ. އޭނާގެ ވާހަކައިގައިވަނީ ޓޫރިޒަމް އަލުން ފެށުމަށް ގިނަ ގައުމްތަކަކުން މިހާރު މަސައްކަތްކުރަމުންދާކަން ފާހަގަކޮށް، ގުޅިގެން ގިނަ ނިންމުންތަކެއް ނިންމަންޖެހޭކަން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުންވެސް، ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ އެގްޒެކެޓިވް ކައުންސިލްގެ ޗެއަރ ނަޖީބު ބަލާލާއާއި، ޔޫރަޕިއަން ކޮމިޝަންގެ ވައިޒް ޕްރެޒިޑެންޓް މާރގަރަޓިސް ޝިނަން އާއި ސެކްރެޓަރީ ފޮރ ގްލޯބަލް އޮފް ސްޕެއިން މަނުއަލް މޫނިޒް އާއި އައިކާއޯގެ ސެކްރެޓަރީ ޖެނެރަލް ފަންގް ލިއު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.