ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.
އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އަންގާރަ ދުވަހުގެ 14:00 އަށް ހަމަވިނަމަވެސް، އެ ޕާޓީއިން ވަނީ އަނެއްކާވެސް އެ މުއްދަތު އިތުރުކޮށްފައެވެ. އެގޮތުން، އެ ޕާޓީއިން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 41.1 ވަނަ މާއްދާގެ (ށ) އަދި 41.3 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން، ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު 21 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ.
އިންތިހާބުގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދޭ ފޯމާއި، ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުން ބުރާސްފަތި ދުވަހުގެ ކުރިން އަދާލަތުގެ އޮފީހަށް ހުށައަޅަން އެ ޕާޓީން ވަނީ އެދިފައެވެ.
މި އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ މި ހިނގާ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެ ޕާޓީގެ ރިޔާސީ އިންތިހާބު ބާއްވާން ކުރިން ނިންމާފައި އޮތީ މި މަހުގެ 23 ވަނަ ދުވަހުއެވެ. ނަމަވެސް ޕާޓީގެ އެންމެ އިސް ދެ މަގާމަށް އަންހެނުންނަށް ކުރިމަތިނުލެވޭނެ ކަމަށް ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާތީވެ އެކަމަށް ފާޑުކިޔުން އަމާޒުވެ އަސާސީ ގަވާއިދަށް މިހާރު ވަނީ ބަދަލުގެނެސްފައެވެ.