އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށްޓަކައި ހަދަންޖެހޭ ގައިޑްލައިންތައް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެކުލަވާލައިފިއެވެ.

ނިމިގެން ދިޔަ 2020 ވަނަ އަހަރު، ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ޤާނޫނެއް ވުޖޫދުކޮށް އިންތިހާބު ފަސްކުރީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.  އިންތިިހާބަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރަންޖެހޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންކަމަށް އެ ޤާނޫނުގައި ބުނެފައިވެއެވެ. ނަމަވެސް ސަރުކާރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނަށް އިންތިހާބު ބޭއްވުމަށް ލާޒިމްކުރި އެއް އަހަރުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް ހުރަސްތަކާއި ކުރިމަތިލާންޖެހުނެވެ. 

މިކަމުގެ ސަބަބުން "'ލޯކަލް ކައުންސިލްތަކުގެ ޚާއްޞަ ޤާނޫނު 2020" އަށް ސަރުކާރުން އިސްލާހު ހުށަހެޅުމަށްފަހު މިހާރު އެ އިސްލާހުވަނީ ރައްޔިތުންގެ މަޖިލީހުންވެސް ފާސްކޮށްފައެވެ. މި އިސްލާހާއެކު އާންމު ސިއްހަތުގެ ކުއްލި ހާލަތު އުވާނުލިނަމަވެސް އިންތިހާބު ބޭއްވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ލިބިގެންވެއެވެ.

އެހެންނަމަވެސް، އިންތިހާބު ކުރިއަށް ގެންދެވޭނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ގައިޑްލައިން ތަކެއްގެ މަތިންކަމަށް އިސްލާހުގައި ބަޔާންކުރެވިފައިވެއެވެ. އަދި، މި ގައިޑްލައިންތައް، އިންތިހާބާއި ގުޅޭ ކަންކަން އީސީއިން ނިންމާތާ 7 ދުވަހުގެ ތެރޭގައި އާންމުކުރުމަށްވެސް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

އެގޮތުން، ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށްޓަކައި ހަދަންޖެހޭ ގައިޑްލައިންތައް އެޗްޕީއޭއިން ވަނީ މިއަދު އީސީއަށް ފޮނުވާފައެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް މީޑިއާތަކަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އިންތިޚާބުތަކާއި ބެހޭ އެޑްވައިޒަރީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް މާދަމާ ބޭއްވުމަށްވަނީ ނިންމާފައެވެ. މި ބައްދަލުވުމުގައި ގައިޑްލައިނާއި ގުޅޭގޮތުން މަޝްވަރާކޮށް، އިންތިހާބު ބާއްވާނެ ތާރީޚަކާއި ގުޅޭގޮތުންވެސް ވާހަކަދެއްކުމަށް ހަމަޖެހިފައިވާކަމަށް ޝަރީފްވަނީ ވިދާޅުވެފައެވެ.

ޤާނޫނަށް ގެނެވުނު އިސްލާހާއެކުވެސް މެއި މަހުގެ 9 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަންޖެހެ އެވެ. ގާނޫނުގައި ބަޔާންކުރާ މުއްދަތުގައި އިންތިހާބު ނުބޭއްވޭނެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ސަބަބާއެކު އޭގެ 30 ދުވަސްކުރިން ރައްޔިތުންގެ މަޖިލީހަށް އަންގަންޖެހޭނެއެވެ. މިހާރު އިންތިހާބު ބޭއްވުމަށް މަސައްކަތްކުރަމުން އަންނަނީ އޭޕްރީލް މަހުގެ 3 ވަނަ ދުވަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.