ލާމަރުކަޒީ ރާއްޖެއެއް ބިނާކުރުމަށް ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް އެންމެ ބޮޑު އިސްކަމެއް ދެނީ މި ސަރުކާރުންކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ، ހޯމަ ދުވަހުގެ ރޭ "ޕީއެސްއެމް" އިން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. މި ޕްރޮގްރާމްގައި އާޒިމް ވަނީ ދިވެހިރާއްޖޭގައި ދަތުރުފަތުރުގެ ނިޒާމެއް ގާއިމްކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ނުވަތަ އޮކްޓޯބަރު މަހުގެ ކުރީކޮޅު ފެރީގެ ނިޒާމް ފެށިގެންދާނެކަމަށާއި، ފުރަތަމަ ފެށޭނީ ޒޯން 1 ގައި ހިމެނޭ 48 ރަށުގައި ކަމަށް އާދަމް އާޒިމް ވިދާޅުވިއެވެ. ފެރީގެ ނިޒާމް ފެށުމަށް ގިނަ ތައްޔާރީތަކެއް ވާން ޖެހޭއިރު، ބާކީ އޮތީ އެންމެ 8 މަސްކަން އާޒިމް ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް، 8 މަސް ދުވަހުގެ ތެރޭގައި މުވައްޒިފުން ތަމްރީންކޮށް، ލޯންޗުތައް ބަނދެ ފެރީގެ ނިޒާމް ފެށޭނެކަމުގެ ޔަގީންކަން އާޒިމްވަނީ ރައްޔިތުންނަށް އަރުވާފައެވެ. މިއީ ޗެލެންޖިންގ މަސައްކަތެއް ނަމަވެސް، އެމްޓީސީސީގެ މުވައްޒިފުންނަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ފެރީގެ ނިޒާމު ފެށިގެން މިދަނީ ސަރުކާރުން ދެއްވާ އެއްބާރުލުމުގެ ސަބަބުން ކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ، ހަރުދަނާ ދަތުރުފަތުރުގެ ނިޒާމެއް ބިނާކުރުމަށް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ މި ސަރުކާރުން ކަމަށެވެ. އެހެން ސަރުކާރަކުން އެފަދަ އިސްކަމެއް ދީފައިނުވާކަމަށާއި، މިކަމުގެ ފުރިހަމަ ކްރެޑިޓް ރައީސް ޞާލިހުގެ ސަރުކާރަށް ހައްގުކަމަށް އާޒިމް ވިދާޅުވިއެވެ.

މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަކީ ލާމަރުކަޒީ ރާއްޖެއެއް ބިނާކުރުމަށް މުހިންމުކަމެއް ކަން ފާހަގަކޮށް، އެކަން ހާސިލް ކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، 3 އަހަރުގެ ތެރޭގައި މުޅި ރާއްޖެ ގުޅާލެވޭނެކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.