ރާއްޖޭގެ ކަނޑުފާ މަރުވާން މެދުވެރިވާ ސަބަބު ހޯދަން ހަތް ރަށެއްގެ ކަނޑުފާ ސާމްޕަލް އިންޑިއާ އަށް ފޮނުވާފައިވާ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފިއެވެ.
އީޕީއީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، ހަތް ރަށެއްގެ އިތުރުން ކޮންޓްރޯލް ސައިޓަކުން ނަގާފައިވާ ސާމްޕަލްތައް ހިމެނޭ ކަމަށެވެ.
މި ސާމްޕަލްތައް ފޮނުވަނީ ކޮޗިންގެ ސައިންސް އެންޑް ޓެކޮނޮލޮޖީ ޔުނިވާސިޓީއަށެވެ. މި ސާޕްލްތައް ނަގައިގެން ހެދޭ ދިރާސަތުގެ އަލީގައި، ރާއްޖެއިން ކަނޑުފާ މަރުވާ ސަބަބު ހޯދުމާއި ގާތަށް އާދެވޭނެ ކަމަށް އިޕީއޭއިން ބުންޏެވެ.
މި ސާމްޕަލްތައް ފޮނުވާފައިވަނީ ހައިކޮމިޝަނާއި، ފޮރިން މިނިސްޓްރީއާ، އެރަށްތަކުގެ ވޮލެންޓިއަރުންނާ ގުޅިގެންނެވެ.
ރާއްޖޭގެ ބައެއް ރަށްރަށުން އާދަޔާ ހިލާފަށް ކަނޑުފާ މަރުވުމުގެ މައްސަލަ ދިމާވާން ފެށީ 2019 ވަނަ އަހަރުން ފެށިގެންނެވެ. އެންމެ ބޮޑަށް އެ މައްސަލަ ދިމާވީ ހއ. ނޭކުރެންދޫ އަދި ހއ. ކެލާގެ ކަނޑޫފާލަށެވެ.