މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ބައި ލައްކައަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.  

މިނިސްޓްރީން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް 52,941 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ނިސްބަތާއި އަޅާބަލާއިރު 47 އިންސައްތަ ދަށް އަދަދެކެވެ. މިދިޔަ އަަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރީ 99,917 ފަތުރުވެރިންނެވެ.

ޓުއަރިޒަމް މިނިސްޓްރީން އާއްމު ކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ 18ދުވަހު އެވްރެޖްގޮތެއްގައި ދުވާލެއްގެ މައްޗަަށް 2,941 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރާތްކޮށްފައެވެ. އަދި އެމީހުން ރާއްޖޭގައި މަޑުކުރި މުއްދަތަކީ 9.5 ދުވަސް ކަމަށް މިނިސްޓްރީން ބުންނެވެ.

2021 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ޒިޔާރާތްކޮށްފައިވަނީ ރަޝިއާގެ ފަތުރުވެރިންނެވެ. ރަޝިއާއިން 13,295
ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން ރާއްޖެއަށް 9,346 ފަތުރުވެރިއަކު ޒިޔާރާތްކޮށްފައިވެއެވެ.

މީގެއިތުރުން ޔޫކްރެއިންއިން 4,558 ފަތުރުވެރިއަކު ޒިޔާރާތްކޮށްފައިވާއިރު ކަޒަކިސްތާނުން ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ 2,788 ފަތުރުވެރިންނެވެ. އަދި ރޯމޭނިއާއިން 2,158 ފަތުރުވެރިއަކު ޒިޔާރާތްކޮށްފައިވާއިރު އިނގިރޭސިވިލާތުން 1,800
ފަތުރުވެރިއަކު ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާއިރު، ރާއްޖެ ވެެގެން ދިޔައީ މިކަމުގެ އެންމެ ބޮޑު އަސަރުތަކެއް ކުރި އެއް ގައުމަށެވެ. މިކަމާއި ގުޅިގެން ހެދުނު ބައެއް ދިރާސާތަކުން ދައްކާގޮތުގައި ކޮވިޑާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވި ހީނަރުކަމަކީ 2004 ވަނަ އަހަރުގެ ސުނާމީއާއި ގުޅިގެން އައި އިގްތިސާދީ ހީނަރުކަމަށް ފަހު އައި އެންމެ ބޮޑު ލޮޅުމެވެ. އެހެންނަމަވެސް ދިވެހި ސަރުކާރުން ނެގި އަވަސް ފިޔަވަޅުތަކާއި އެކު ރާއްޖޭގެ ފަތުރުވެރިކަން އަލުން ހިނގައިގަނެ، ވަނީ ކުރިއަރަން ފަށާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.