2021 ވަނަ އަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހުގެ ކުރިން ލޯކަލް ކައުންސިލް އިންތިހާބު ބާއްވަންޖެހޭގޮތަށް 'ލޯކަލް ކައުންސިލްތަކުގެ ޚާއްޞަ ޤާނޫނު 2020" އަށް އިސްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ކޮމިޓީން މި ބިލަށް ގެނައި އިސްލާހުތަކާއި އެކު ބިލު ފާސްކުރުމަށް ވޯޓު ދެއްވީ 38 މެމްބަރުންގެ ވޯޓާއި އެކުއެވެ.
ނިމުނު އަހަރު، ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ޤާނޫނެއް ވުޖޫދުކޮށް އިންތިހާބު ފަސްކުރީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އެހެންކަމުން މެއި މަހުގެ 9 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަންޖެހެ އެވެ. އަދި އިންތިިހާބަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރަންޖެހޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންކަމަށް އެ ޤާނޫނުގައި ބުނެފައިވެއެވެ. ނަމަވެސް ސަރުކާރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނަށް އިންތިހާބު ބޭއްވުމަށް ލާޒިމްކުރި އެއް އަހަރުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް ހުރަސްތަކާއި ކުރިމަތިލާންޖެހުނެވެ.
އެހެންކަމުން އިންތިހާބު އަވަހަށް ބޭއްވުމަށްޓަކައި ހުރި ގާނޫނީ ހުރަސްތައް ނައްތާލުމަށް ސަރުކާރުން މަޖިލީހަށް އިސްލާހުތަކެއް ފޮނުވިއެވެ. މި އިސްލާޙުތައް ދިރާސާ ކުރީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ.
ކޮމިޓީ މަރުހަލާގައި ބިލަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ގާނޫނުގައި ބަޔާންކުރާ މުއްދަތުގައި އިންތިހާބު ނުބޭއްވޭނެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ސަބަބާއެކު އޭގެ 30 ދުވަސްކުރިން ރައްޔިތުންގެ މަޖިލީހަށް އަންގަންޖެހޭނެއެވެ. މީގެއިތުރުން ކޮމިޓީން ވަނީ އިންތިހާބާއި ގުޅޭ ބައެއް މުއްދަތުތައް ސަރުކާރުން ހުށައެޅި ގޮތަށް ކުޑަ ނުކުރާ ގޮތަށްވެސް ނިންމާފައެވެ.
މި ބިލަށް ގެނެވިގެންދިޔަ އިސްލާހުތަކާއި އެކު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅަންޖެހޭ
އުސޫލުތައް އެކުލަވާލަންޖެހޭނީ މިނިވަންކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިންތިޚާބު
ބޭއްވޭނެކަން ކަށަވަރުކުރެވޭނެހެންނެވެ.