ކޮވިޑް-19 ގެ ސަބަބުން، ޤައުމުތަކުގެ ބޯޑަރު ބައިނަލްއަޤްވާމީ ދަތުރުފަތުރަށް ހުޅުވާފައި ނުވުމުގެ ސަބަބުން، ރާއްޖެއިން ފުރައިގެން ނުދެވިފައިވާ ފަރާތްތަކަށް އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ނިންމައިފިއެވެ.

އެ މިނިސްޓްރީއިން ހޯމަ ދުވަހު ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން، އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރުމަށް ހަމަޖެހިފައިވަނީ ފުރައިގެން ނުދެވިފައިވާ ފަރާތްތަކުގެ ތެރެއިން، 1 ޑިސެމްބަރ 2020 ގެ ކުރިން ދޫކޮށްފައިވާ ބިޒްނަސް ވިސާ އަދި ސްޕެޝަލް ވިސާގެ ދަށުން ރާއްޖެ އެތެރެވަފިވާ ފަރާތްތަކުގެ ތެރެއިން ރާއްޖޭގައި ވަޒީފާއަދާކުރުމަށް ބޭނުންވާ ފަރާތްތަކަށެވެ.

މި ފަރާތްތަކަށް އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރުމަށް ނިންމާފައިވަނީ 30 ޖޫން 2021 ގެ ނިޔަލަށެވެ. އިކޮނޮމިކް މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި، އެމްޕްލޯއިމެންޓް އެޕްރޫވަލް ހޯދުމަށް އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

އެގޮތުން، އެމްޕްލޯއިމެންޓް އެޕްރޫވަލް ހޯދުމަށް އެދޭކަން ބަޔާންކުރާ ސިޓީ، 15 ދުވަހަށްވުރެ މަދުނޫން މުއްދަތެއްގެ ބިޒްނަސް/ސްޕެޝަލް ވީސާއެއް އޮތްކަން އެނގޭނެ އެ ބިދޭސީ ފަރާތްތަކަށް ދޫކޮށްފައިވާ ވިސާގެ މައުލޫމާތު އަދި އެމްޕްލޯއިމެންޓް އެޕްރޫވަލް ހޯދުމަށް ފުރިހަމަކުރަންޖެހޭ އެންމެހައި ކަންތައްތައް ފުރިހަމަކުރުމަށްފަހު އެމްޕްލޯއިމެންޓް އެޕްރޫވަލް ހޯދުމަށް އެދެވޭނެއެވެ.

މިއީ ރާއްޖެއިން ފުރައިގެން ނުދެވިފައިވާ ފަރާތްތަކަށް އާމްދަނީ ހޯދާނެ މަގެއް ތަނަވަސްކޮށްދިނުމަށާއި ވިޔަފާރިތަކަށް އެންމެ ލުއި ފަސޭހަ ގޮތެއް ހޯދައި ދިނުމުގެ ބޭނުމުގައި އިކޮނޮމިކް މިނިސްޓްރީއިން ނިންމާފައިވާ ނިންމެވުމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.