އިންޑިއާގައި އުފައްދަމުންދާ ވެކްސިންތަކަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައި މިވާ ކޮވިޑް-19 ޕެންޑެމިކްއިން ސަލާމަތްވުމަށް އިތުރު އެހީއަކަށް ވާނެކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ދުނިޔޭގެ އެންމެ ބޮޑު ވެކްސިން ދިނުމުގެ ޕްރޮގްރާމް އިންޑިއާގައި ފެށުމުން ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާގެ ސަރުކާރަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.

އެގޮތުން، ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި، ޕްރައިމް މިނިސްޓަރ މޯދީ ވަނީ އިންޑިއާއިން ހޯދި ކާމިޔާބީ ރައީސް ޞާލިހު ފާހަގަކުރައްވާފައިވާތީ އެކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެއިތުރުންވެސް މޯދީ ވިދާޅުވީ، ޕެންޑެމިކްގެ މި ހާލަތުގައި އިންޑިއާގެ ސައިންޓިސްޓުންނާއި ސިއްހީ މަސައްކަތްތެރިން ވަރަށް ރަނގަޅު މަސައްކަތެއް ކޮށްފައިވާ ކަމަށެވެ. އިންޑިއާގައި އުފައްދަމުންދާ ވެކްސިންތަކުން އެ ގައުމުގެ ރައްޔިތުންނަށާއި މުޅި ދުނިޔެއަށްވެސް ނުހަނު ބޮޑު ފައިދާއެއް ވާނެކަމަށް މޯދީ ވިދާޅުވިއެވެ.

އިންޑިއާގައި ވެކްސިން ޑްރައިވެއް ފަށާފައިވާއިރު، އެގައުމުން ވެސް އިސްކަން ދޭން ނިންމާފައިވަނީ ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ. އަދި އެހެން ގައުމުތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާއިރު، ރާއްޖެއަށް ވެސް ވެކްސިން ފޯރުކޮށްދިނުމަށް އެގައުމުން ވަނީ ނިންމާފައެވެ.

އެގޮތުން، އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވެފައިވަނީ އިންޑިއާގެ ނެއިބަރހުޑް ފަސްޓް ޕޮލިސީގެ ދަށުން އަވައްޓެރި ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް އިސްކަންދޭނެ ކަމަށާއި ރާއްޖެއަށް ވެސް ވަރަށް އަވަހަށް ވެކްސިން ލިބިގެންދާނެ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.