ފާއިތުވި އަހަރު ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް ބަލާލައި ތައްޔާރުކޮށްފައިވާ ފޮތެއް ނެރެފިއެވެ.

މި ފޮތް ނެރެދެއްވީ އެކަމަށްޓަކައި ހާއްސަ ކޮށްގެން އާދީއްތަ ދުވަހު، ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގައި ބޭއްވެވި ރަސްމިއްޔާތެއްގައި، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

ފޮތް ނެރެދެއްވުމަށްފަހު ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ، އެ ކޮމާންޑުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އެގޮތުން، މުވައްޒިފުންގެ ދަތިކަމާއެކުވެސް ހުށަހެޅުނު ގިނަ މައްސަލަތައް ބަލައި ނިންމާފައިވާކަމަށް ސީ.ޕީ ހަމީދު ވިދާޅުވިއެވެ. އަދި، އެ ކޮމާންޑުން ނެރުނު ފޮތަކީ ކޮށްފައިވާ ވަރަށް ރަނގަޅު މަސައްކަތެެއްކަމަށާއި ފާއިތުވި އަހަރު ޕީއެސްސީން ތައްޔާރުކޮށްފައިވާ އަހުލު ޕޯޓަލް އަކީވެސް މުވައްޒަފުން ހޭލުންތެރިކުރުމަށް ކުރެވުނު ވަރަށް ރަނގަޅު ބިނާކުރަނިވި އުފެއްދުމެއްކަމުގައިވެސް ހަމީދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުވެސް ވާހަކަފުޅުދެއްކެވިއެވެ. ނިމިދިޔަ 2020 ވަނަ އަހަރަކީ އެ ކޮމާންޑުގެ ތާރީހުގައި އެންމެ ގިނަ މައްސަލަ ބެލި އަހަރުކަމަށް ޝުޖާއު ވިދާޅުވިއެވެ. ކޮވިޑް-19ގެ ހާލަތުގައިވެސް މަސައްކަތް ކުރިއަށް ގެންދެވިފައިވަނީ މުވައްޒިފުންގެ ބުރަ މަސައްކަތުން ކަން ފާހަގަކޮށް އެކަމަށްޓަކައި މުވައްޒަފުންނަށް ޝުޖާއު ޝުކުރު އަދާކުރެއްވިއެވެ.

އިއްޔެ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ނެރުނު ފޮތުގައި ވޭތުވެދިޔަ ފަސް އަހަރު އެ ކޮމާންޑުން ބަލާފައިވާ މައްސަލަތަކުގެ ތަފާސް ހިސާބާއި، މައްސަލައެއް ހުށަހަޅާ ހިސާބުން ފެށިގެން އެ މައްސަލައެއް ނިންމައި ފައިލު ކުރުމާ ހަމައަށް އަމަލުކުރެވެމުންދާ ގޮތުގެ މައުލޫމާތު ހިމަނާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.