ރިޕޯޓްއިޤްތިޞާދު

ހުޅުމާލެއިން ބިން ވިއްކަނީ މިހެންވެ!

މީގެ 17 އަހަރުކުރިން ހުޅުލޭ ފަޅު ހިއްކަން ފެށީ މާލެ ސަރަހައްދަށް ދިމާވެފައިވާ ތޮއްޖެހުން ހައްލުކޮށް މި ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ފަސޭހައިން ބޯހިޔާވަހިކަން ހޯދައިދިނުމުގެ އަމާޒުގައެވެ. ޖުމްލަ 240،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ތަރައްގީކުރަމުން އަންނަ ހުޅުމާލެއަކީ ރާއްޖޭގައި ޕްލޭން ކުރެވިގެން ތަރައްގީކުރަމުން އަންނަ ހަމައެކަނި ސިޓީއެވެ. މިއީ ހުރިހާ ފަންތިއެއްގެ މީހުންނަށް ދިރިއުޅެވޭ ގޮތަށް އެ އެންމެނަށް ބޭނުންވާފަދަ ވަސީލަތްތަކާއެކު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތަރައްގީކުރަމުން އަންނަ ރަށެކެވެ.

ހުޅުމާލެއިން ބިން ވިއްކަން ނިންމާފައިވުމާއެކު ބައެއް ފަރާތްތަކުގެ ފާޑުކިޔުން އެޗްޑީސީއަށް އަމާޒުވިއެވެ. އެގޮތުން ފޭސް 2 ހިއްކާފައިވަނީ ގޯތި ދޫކުރުމަށް ކަމަށާއި ބިން ވިއްކުމަކީ މުއްސަދިންނަށް ބިން ވެރިކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑުކިއެވެ. އަދި އެޗްޑީސީގެ މައިގަނޑު އަމާޒުވާން ވާނީ ވިޔަފާރިކުރުމުގެ ބަދަލުގައި އަގުހެޔޮކޮށް މާލެ ސަރަހައްދުގައި ދިރުއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް ވެސް އަންނަނީ ބުނަމުންނެވެ. މިއާއެކު މިކަމުގައި ބަލާލަން ޖެހޭ ބައެއް ކަންތައްތަ އެބަހުއްޓެވެ.

އެގޮތުން ބަލާއިރު އެޗްޑީސީއަކީ 2001 ވަނަ އަހަރު ސަރުކާރުގެ 100 އިންސައްތަ ހިއްސާއާއެކު އުފެދިގެން އައި ކުންފުންޏެކެވެ. ހުޅުމާލެ ތަރައްގީކުރުމަށް މިހާތަނަށް ހިންގާފައިވާ ޕްރޮޖެކްޓްތަކާއި ކުރިޔަށް ރާވާފައިވާ ޕްރޮޖެކްޓްތަކަކީ ދިވެހި ދައުލަތަށް އެކަނި ފައިނޭންސް ކުރެވޭނެ ޕްރޮޖެކްޓްތަކެއް ނޫންކަން ގަބޫލުކުރަން ޖެހެއެވެ. އެހެންކަމުން އެ ކުންފުނިން މި ޕްރޮޖެކްޓްތައް ހިންގާފައިވަނީ ބޮޑެތި ލޯނުތައް ނަގައިގެންނެވެ. މި ލޯނުތައް ދެއްކުމުގެ ގާބިލްކަން ކުންފުނީގައި ހުންނާނީ ވިޔަފާރީގެ އުސޫލުން ކަންކަން ނިންމައިގެންނެވެ. ހަމައެކަނި ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދޭން ވެއްޖެނަމަ ކުންފުނި ހިންގަން ޖެހޭނީ ގެއްލުމުގައެވެ. ލޯނުތައް ދެކުން ވާނީ ބުރައަކަށެވެ. އާހިރުގައި ބައެއް ލޯނުތަކަށް ދައުލަތުން ޒިންމާވާން ޖެހުމަކީ ވެސް ވެދާނެ ކަމެކެވެ.

ޕްލޭނެއްގެ ދަށުން ތަރައްގީކުރަމުން އަންނަ ސިޓީއެއްގައި އެންމެ މުހިންމު ކަމަކީ އެ ޕްލޭނާއި އެއްގޮތަށް ކަންކަން ކުރިޔަށް ގެންދިޔުމެވެ. ކޮންމެ އައު ސަރުކާރާއެކު ކުންފުނީގެ އަމާޒު ބަދަލުކޮށް ތަރައްގީގެ ޕްލޭނަށް ބަދަލުތައް ގެނައުމަކީ ހުޅުމާލެއަށް އަންނަމުންދާ ބަދަލުތައް އައުމަށް ހުރަސް އެޅޭނެ ކަމެކެވެ. ތަރައްގީގެ މަޝްރޫއުތައް ހުއްޓޭނެ ކަމެކެވެ. ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ހުޅުމާލެއިން ބިން ވިއްކުމަށް އިއުލާންކުރާއިރު މިއީ އެ ސިޓީގެ މާސްޓަރޕްލޭނާއި އެޗްޑީސީގެ ބިޒްނަސް ޕްލޭނާއި އެއްގޮތަށް ކުރަން ނިންމާފައިވާ ކަމެކެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ ހުޅުމާލެ ފުރިހަމަ ހުޅުމާލެއަކަށް ހެދުމަށް ރާވާފައިވާ ޕްލޭންތަކުގެ ދަށުން ކުރާ ކަމެކެވެ.

ހުޅުމާލެއިން ބިން ވިއްކުމަށް އެޗްޑީސީއިން ނިންމާފައިވާއިރު ވިއްކާނީ ފޭސް 2 ގެ ބީޗު ސަރަހައްދުގައި އޮތް ލޮޓަކުން ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. މި ބިންތައް ގަތުމަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު މިއާއެކު ހުޅުމާލެއަށް ތަފާތު އެކި ފުރުސަތުތައް ފަހިވެގެންދާނެއެވެ. ވިޔަފާރީގެ ފުރުސަތުތަކާއި ވަޒީފާގެ ފުރުސަތުތައް މި ބިންތަކުގައި ގާއިމްކުރާ އެކިއެކި ތަންތަނުން ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. މިއީ އެ ސިޓީއަށް ހިޖުރަކުރާ އެހެނިހެން ފަރާތްތަކަށް ވެސް މާލެ ނައިސް އާމްދަނީ ހޯދޭނެ ގޮތްތަކެއް ފަހިވެގެންދާނެ ކަމެކެވެ.

އެޗްޑީސީއަކީ ދިވެހިރާއްޖޭގައި މިހާތަނަށް ހިންގުން އެންމެ ބޮޑު އިޖުތިމާއީ ބޯހިޔާވަހިކަން ނުވަތަ ސޯޝަލް ހައުސިންގ ގެ ޕްރޮޖެކްޓްތައް ހިންގާފައިވާ ތަޖުރިބާހުރި ގާބިލް ކުންފުންޏެކެވެ. ސޯޝަލް ހައުސިންގ ގެ އަގުތައް ކުޑަކޮށް، އެންމެ އާދައިގެ މީހާއަށް ވެސް އަތްފޯރާ ފަށުގައި އަގުތައް ބެހެއްޓުމަށް ފްލެޓްތައް ދޫކުރާއިރު ބިމުގެ އަގު ނުހިމަނައެވެ. އެހެންކަމުން އަގުހެޔޮކޮށް މި ފްލެޓްތައް ދޫކުރުމަށް އެ ކުންފުންޏަށް އިތުރު ގޮތްތަކަކުން އާމްދަނީ ހޯދުމަކީ މުހިންމު ކަމެކެވެ. އެކަމަށް އޮތް އެންމެ ބޮޑު އެއް ފުރުސަތަކީ އަގުބޮޑުކޮށް ބިން ގަނެވޭ ފެންވަރުގެ ފަރާތްތަކަށް ބިން ވިއްކުމެވެ. އެއާއެކު ކުންފުންޏަށް އިތުރުވާ އާމްދަނީގެ ނަތީޖާއެއްގެ ގޮތުން ސޯޝަލް ހައުސިންގ ގެ އިތުރު މަޝްރޫއުތައް ސަބްސިޑައިޒްކޮށް ކުރިޔަށް ގެންދިޔުމަށް މަގުފަހި ވެގެންދާނެއެވެ.

ޒަމާނުއްސުރެ އެންމެ ގަދަޔަށް އިވޭ އެއް ޝަކުވާއަކީ ބިންވެރިވުމުގެ ފުރުސަތު އޮންނަނީ އަބަދު އެއް ބަޔަކަށް ކަމަށެވެ. ނަމަވެސް މިފަހަރު އެޗްޑީސީއިން އަމަލުކުރަން ނިންމާފައިވަނީ ތަފާތު ގޮތަކަށެވެ. މިފަހަރު އެ ކުންފުނިން ބިން ވިއްކާނީ މުޅިން އަލަށް ބިން ގަންނަ ފަރާތްތަކަށެވެ. މީގެކުރިން ހުޅުމާލެއިން ބިމެއް ގަނެފައިވާ ފަރާތަކަށް އެ ފުރުސަތެއް ނެތެވެ. މިއީ އާމްދަނީ ގިނައިން ލިބޭ ފަރާތްތަކަށް އަމާޒުކޮށް ވިއްކާ ސްލޮޓްތަކެއް ނަމަވެސް މިފަހަރު އެޗްޑީސީއިން އަމަލުކުރަން ނިންމާފައިވާ ގޮތާއި އެކު ބިންވެރިކުރުވުމުގައި ޒަމާނުއްސުރެ އޮތް ފަރަގުތައް ކޮންމެވެސް ވަރަކަށް ނެތިގެންދާނެއެވެ. އައު ފަރާތްތަކަކަށް ބިން ވެރިވުމުގެ ފުރުސަތު މިވަނީ ފުޅާވެގެން ގޮސްފައެވެ.

މާލެ ސަރަހައްދުގައި އުޅޭ މީހުންނަށް ގޯތި ދޫކުރެވޭ ވަރަށް މިހާރު ހުޅުމާލޭގައި ބިން ނެތްކަން ދަންނަން ޖެހެއެވެ. މިއީ ސަރުކާރުން ގުޅީފަޅު ޕޯޓާއި ތިލަފުށި ވެސް ތަރައްގީކުރަން ނިންމާފައިވާ މައިގަނޑު އެއް ސަބަބެވެ. ވިޔަފާރި ކުންފުންޏަކަށް ވެ އޮވެ އެޗްޑީސީއިން އެ ކުންފުނީގެ ބިޒްނަސް ޕްލޭނާއި އެ ކުންފުނިން ތަރައްގީކުރަމުން އަންނަ ރަށުގެ މާސްޓަރޕްލޭނާއި އެއްގޮތަށް ބިން ވިއްކަން ނިންމީ ވަރަށް ގިނަ ކަންތައްތަކަށް ބެލުމަށްފަހުއެވެ. މިއީ މުސްތަގުބަލުގައި ހުޅުމާލެއަކީ އެ ރަށުގައި ދިރިއުޅޭ އެކި ފަންތީގެ މީހުންނަށް ވެސް ބޭނުންތެރި ކަމެކެވެ. ބިން ވިއްކައި އެ ބިންތައް ތަރައްގީވެގެން އައުމާއެކު އެތަކެއް ފުރުސަތުތަކެއް އިގްތިޞާދީ ގޮތުންނާއި އިޖުތިމާތީ ގޮތުން ފަހިވެގެންދާނެއެވެ.

 

0
1
0
0
0

ކޮމެންޓް

Your email address will not be published. Required fields are marked *

0 %