ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކޮންޓްރެކްޓް އުޞޫލުން މިނިވަން މަސައްކަތްތެރިން ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ސްޓެލްކޯއިން މައުލޫމާތު ދީފައިވާ ގޮތުގައި، މިއީ ކުންފުނީގެ ފަރާތުން ހިންގާ އެކިއެކި މަޝްރޫޢުތަކުގެ ކުރަންޖެހޭ މަސައްކަތްތަކާއި ކަރަންޓުގެ ޚިދުމަތް ދިނުމަށްޓަކައި ކަރަންޓު ކޭބަލް ވަޅުލުމާއި އެނޫންވެސް އެފަދަ މަސައްކަތްތަކާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުމަށް ބޭނުންވާ ފަރާތްތައް ހޯދުމަށް ހުޅުވާލެވިފައިވާ ފުރުސަތެއް ކަމަށެވެ.

އަސާސީ ތައުލީމުގެ ފެންވަރު ހުރި، އުމުރުން 18 އަހަރާއި 45 އަހަރާއި ދެމެދުގެ ހުރިހާ ދިވެހިންނަށްވެސް މި ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އެހެންނަމަވެސް، ކުރަންޖެހޭ މަސައްކަތުގެ ބާވަތުން ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވެފައި، ސިއްހަތު ރަނގަޅު ފަރާތަކަށް ވާންޖެހޭނެކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. މިގޮތުން، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ މެދުގައި ފިޒިކަލް ފިޓްނަސް ޓެސްޓްތައް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިނިވަން މަސައްކަތްތެރިންގެ ގޮތުގައި ސްޓެލްކޯއިން ނަގާ ފަރާތްތަކަށް ކޮންމެ ދުވަހަކުވެސް 100 ރުފިޔާ އާއި 250 ރުފިޔާއާ ދެމެދުގެ ދުވަހު އެލަވެންސެއް ލިބޭނެއެވެ. އަދި، މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް ކޮއްތުފައިސާގެ ގޮތުގައި 175 ރުފިޔާވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ސްޓެލްކޯއިން މައުލޫމާތު ދީފައިވާ ގޮތުގައި، މިނިވަން މަސައްކަތްތެރިންގެ ގޮތުގައި ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅުއްވާ ފަރާތްތަކުން ދަފްތަރެއްގައި ރަޖިސްޓްރީ ކުރެވިގެންދާނެއެވެ. އަދި މި ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އެ އިރަކު ކުރިއަށްދާ މަސައްކަތަކަށް އެންމެ ގާބިލް މީހުން ކަނޑައެޅުމަށްފަހު އެމީހުންނަށް މަސައްކަތް ހަވާލުކުރެވޭނެއެވެ.

ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމު ކުންފުނީގެ އިންފޮމޭޝަން ކައުންޓަރުންނާއި www.stelco.com.mv ގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. ފޯމު ފުރިހަމަކުރުމަށްފަހު، އައިޑީ ކާޑުގެ ކޮޕީއާއި ވަނަވަރާއެކު ކުންފުންނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް 31 ޖަނަވަރީ 2021 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުމަށް ސްޓެލްކޯއިން ވަނީ އެދިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.