މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިނިސްޓްރީ އޮފް ފޮރިން އެފެއާރޒްއިގެ ދަށުން ހިންގާ ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް)ގެ ބޯޑް މެންބަރުންގެ މެދުގައިވެސް މިންތީގެ ހަމަހަމަކަން ގާއިމްކޮށްފިއެވެ.
އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރ އޮފް ފޮރިން އެފެއާރޒް އަބްދުﷲ ޝާހިދު ވިދާޅުވީ، މިއީ ފޮސިމްގެ ގަވަރނިންގ ބޯޑްގެ މެމްބަރުންގެ މެދުގައި މިންތީގެ ހަމަހަމަކަން ގާއިމްކުރެވިފައިވާ ފުރަތަމަ ފަހަރު ކަމަށެވެ.
އިއްޔެ ބޭއްވި ފޮސިމްގެ ގަވަރނިންގ ބޯޑްގެ 4 ވަނަ ބައްދަލުވުމަކީ ދެ ޖިންސް އަދަދު ހަމަހަމަކޮށް ބޯޑުގެ މެމްބަރުން ތިބި ފުރަތަމަ ބައްދަލުވުމެވެ.
މި ބައްދަލުވުމަށްފަހު މިނިސްޓަރ ޝާހިދު ވިދާޅުވީ، އަމާޒަކީ ނަތީޖާ ނެރެވޭނެ ފޮރިން ސަރވިސްއެއް އުފެއްދުން ކަމަށެވެ. އެކަން ކުރުމަށް ފޮސިމް އިތުރަށް ހަރުދަނާކުރުން ޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ދަ ފޮރިން ސާރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް"ގެ ނަމުގައި ޓްރެއިނިންގ މަރުކަޒެއް އުފެއްދުމަށް ނިންމައި، މި އިންސްޓިޓިއުޓް އުފައްދާފައިވަނީ 16 ޖަނަވަރި 2014 ވަނަ ދުވަހުއެވެ. މިއީ ޚާރިޖީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ޚާއްސަ ތަމްރީނާއި ހުނަރު އެ މުވައްޒަފުންނަށްދީ، ތަރައްޤީކުރުމަށްޓަކައި އުފައްދާފައިވާ އިންސްޓިޓިއުޓެކެވެ.
ޚާރިޖިއްޔާގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަކީ ރައީސް އިބްރާހިމް މުޙައްމަދު ސާލިހްއާއި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތަކެވެ.