ތިން މަސް ދުވަހަށްފަހު ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އަށް ސީއީއޯ އެއް އައްޔަނުކޮށްފިއެވެ.
އެ އޭޖެންސީގެ ސީއީއޯއަކަށް އައްޔަނުކޮށްފައިވަނީ މުހައްމަދު ހަބީބެވެ.
އެންޑީއޭއަށް ސީއީއޯ އެއް އައްޔަނުކޮށްފައިމިވަނީ އެ މަގާމަށް ކުރިމަތިލުމަށްޓަކައި ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ތިން ފަހަރު އިއުލާނުކޮށްފައިވަނިކޮށެވެ. އެ އޭޖެންސީގެ ސީއީއޯގެ މައިގަނޑު މަސްއޫލިއްޔަތަކީ އޭޖެންސީގެ ބޯޑުގެ ލަފަޔާ އިރުޝާދުގެ މަތިން އެޖެންސީ ހިންގުމާއި ބޯޑުގެ ނިންމުންތައް ތަންފީޒުކުރުމެވެ.
މުސާރައިގެ ގޮތުގައި 18,000 ރުފިޔާ އެންޑީއޭގެ ސީއީއޯއަށް ލިބޭއިރު ފޯނު އެލަވަންސްގެ ގޮތުގައި 1,000 ރުފިޔާ، އަދި ލިވިން އެލަވަންސްގެ ގޮތުގައި 12,500 ރުފިޔާ ލިބޭނެއެވެ.
އެންޑީއޭ އަށް އާ ސީއީއޯ އެއް އައްޔަނުކޮށްފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ޝަހީލް ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
މި ފަހަކަށް އައިސް އެންޑީއޭއަށް ދަނީ ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒު ވަމުންނެވެ. ޗޭންޖް އެންޑީއޭގެ ނަމުގައި ސޯޝަލް މީޑިއާ ކެމްޕެއިނެއްވެސް ކުރިއަށްދާއިރު އެމީހުން ބުނަމުންދަނީ މަސްތުވާތަކެތީގެ މައްސަލާގައި އެންމެ އެކަށީގެންވާ ވަރަށް އެންޑީއޭ އަށް މަސައްކަތް ނުކުރެވޭ ކަމަށެވެ.