ސީރިޔާ ގައި ހިނގަމުންދާ ދާހިލީ ހަނގުރާމާގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ މޮނިކޮމް އަމުރުގެ ދަށުން ދޫކޮށްލައިފިއެވެ. 

އޭނާ ހައްޔަރުކޮށްފައިވަނީ ސީރިޔާ އަށް ދަތުރުކުރި ކަމުގެ ތުހުމަތުގައި އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ އަކީ އުމުރުން 34 އަހަރުގެ މީހެކެވެ. 

ފުލުހުން މިއަދު ބުނީ، އެ މީހާ ދޫކޮށްލާފައިވަނީ ނެޝަނަލް ރީ އިންޓަގްރޭޝަން ސެންޓަރުގައި ބެހެއްޓުމަށް ފަހު ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު ކަމަށެވެ. މީނާ ދޫކޮށްލާފައި ހުންނައިރު ފުލުހުން ގެންދާނީ މޮނިކޮމް އަމުރުގެ ދަށުން އޭނާގެ ކަންކަން ބަލައި މޮނިޓަރ ކުރަމުންނެވެ. 

ބޭރު ގައުމުތަކުގެ ހަނގުރާމާ ތަކުގައި ގައި ބައިވެރިވުމަށް ފަހު ރާއްޖެ އަންނަ މީހުން ރިހިބެލިޓޭޓް ކުރުމުގެ މަގްސަދުގައި ހޯމް މިނިސްޓްރީން ހިންމަފުށީ ގައި ގާއިމްކޮށްފައިވާ ރީ އިންޓަގްރޭޝަން ސެންޓަރަކީ ޓެރަރިޒަމް ގާނޫނުގެ ދަށުން ހަދާފައިވާ ތަނެކެވެ. 

ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) އިން ބުނެފައިވާ ގޮތުން ބޭރުގެ ދާހިލީ ހަނގުރާމާތަކުގައި ބައިވެރިވާން އާބާދީގެ ނިސްބަތުން އެންމެ ގިނައިން ގޮސް އުޅެނީ ދިވެހިންނެވެ. ސީރިޔާ ގައި ހިނގަމުންދާ ހަނގުރާމަތަކުގައި ގިނަ އަދަދެއްގެ ދިވެހިން ދަނީ ބައިވެރިވަމުންނެވެ. އޭގެ ތެރެއިން ބައެއް މީހުންގެ އާއިލާތަކުން އެމީހުން ރާއްޖެ ގެންނަންވެގެން ސަރުކާރުގައި ދަނީ އެދެމުންނެވެ. އެންސީޓީސީން ބުނީ، ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި ގުޅިގެން އެ މީހުން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.