ރ.އަނގޮޅިތީމު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 12 ޕަސެންޓު ނިމިފައިވާ ކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އަނގޮޅިތީމް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ބަނދަރު ފުން ކުރުމުގެ މަސައްކަތް ކަމަށާއި، އެ މަސައްކަތުގެ 19 ޕަސެންޓު ނިމިފައިވާ ކަމަށެވެ.
މިއީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.
މި މަޝްރޫއުގެ ދަށުން، ބޭރު ތޮށީގައި 221 މީޓަރުގެ ބޮޑުހިލަ ޖެހުމާއި 9،144 މީޓަރުގެ އެއްގަމު ތޮށި ލުމަށް ވަނީ ނިމިފައެވެ. އަދި 42،000 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުމާއި 615 ކިއުބިކް މީޓަރަށް ނެރު ފުން ކުރުމަށްވެސް ވަނީ ނިންމާފައެވެ. 166 މީޓަރު ރިވެޓްމެންޓްވެސް ޖެހޭނެއެވެ.
އަދި 12 ބައްތި ހަރުކޮށް 1،110 ސްކުއަރ މީޓަރުގެ ޕޭވްމެންޓެއް ހެދުމަށްވެސް ވަނީ ނިންމާފައެވެ. މިއީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ. މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 8ވަނަ ދުވަހުއެވެ. މި މަޝްރޫއަށް ޖުމްލަ 44،792،634.74 ރުފިޔާ ހަރަދުވާނޭކަމަށް ބެލެވެއެވެ.