ދިވެހިރާއްޖޭގައި ޑިމޮކްރަޓިކް ހަމަތަކުގެ ތެރެއިން އެއްވެސް ރައްޔިތަކަށް އިންސާފު ނުލިބޭނެކަން ކަށަވަރުވެއްޖެކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބް ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރުމަށް ހަމަހަމަ ފުރުސަތުތަކެއް ނެތް ކަމަށް ބުނެ ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް ސިވިލް ކޯޓުގެ ފަރާތުން ނިންމެވުމާއި ގުޅިގެންނެވެ. ޝުޖާއު ވިދާޅުވީ އިންސާފު ނުލިބުނީމަ އަންނަން ޖެހެނީ ކޯޓަށް ކަމަށާއި އެހެން ނަމަވެސް ކޯޓުތަކަށް އައުމުން މައްސަލަ ބަލައިނުގަންނަ ކަމަށެވެ. ކުރިޔަށް އޮތް ކައުންސިލް އިންތިހާބު އިންސާފުވެރި އިންތިހާބަކަށް ނުވާނެކަމަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޖައްސަވަނީ ނުބައި ހިސާބުތަކެއް ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.
ހަމައެހެންމެ އެމްޑީޕީއިން ވެރިކަމާއި ހަވާލުވާ ކޮންމެ ފަހަރަކު ވެސް އިންތިހާބުތައް ބާއްވަން ޖެހޭ ތާރީހުތަކުގައި ނުބޭއްވޭ ކަމަށާއި އެއީ އިންތިހާބާއި ކުރިމަތިލާން ނުކެރޭތީ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.
އެ މައްސަލަ ހުށަހެޅުމުން މައްސަލަ ބަލައިގެންފައިނުވާ ކަމަށާއި އަދި އެކަމާއި ގުޅިގެން ސިވިލް ކޯޓުގެ ރެޖިސްޓްރަރ އާ ވެސް ބައްދަލުކުރެއްވި ކަމަށް އެ ކޯލިޝަނުން ހާމަކޮށްފައިވެއެވެ. ގާނޫނު އަސާސީއިން ވަރަށް ގިނަ ހައްގުތަކެއް ލިބިފައިވީ ނަމަވެސް އެބޭފުޅުންނަށް އޭގެއިން އެއްވެސް ހައްގެއް ނުލިބޭ ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން ދައުވާ ކުރުމުގެ ހައްގު އެންމެހާ ރައްޔިތުންނަށް ވެސް ލިބިފައިވާ ކަމަށާއި ދައުވާ ބަލައިގަތުމާއި ނުގަތުމާ މެދު ގޮތެއް ނިންމަން ޖެހޭނީ ދައުވާގެ ލިޔެކިޔުންތަކަށް ބެލުމަށްފަހު ކަމަށް ވެސް އެކޯލިޝަންގެ ވަކީލުން ވިދާޅުވިއެވެ.
މި މައްސަލާގައި ކުރިޔަށްދާން ޖެހޭ ހުރިހާ މަރުހަލާއެއް ކަޑައްތު ކުރާނެ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ވަކީލުންގެ ޓީމުން ހާމަކޮށްފައިވެއެވެ. މިފަދަ މައްސަލައެއް ހުށަހަޅާފައިވާއިރު ކޮވިޑްގެ ސަބަބުން ކެމްޕޭން ކުރުމަށް ހުރިހާ ފަރާތްތަކަށް ވެސް ގޮންޖެހުންތަކެއް ހުރިއިރު ވެސް ދާދިފަހުން އެ ކޯލިޝަންގެ ޖަލްސާއެއް ވެސް ކާނިވާ ސަރަހައްދުގައި ބާއްވާފައިވެއެވެ.