ގެ ކައިރީ ކަންމަތީ ފިހާރައަށް ވަދެލި އިރު ފިހާރައިގެ ވެރިމީހާގެ އަންހެނުން ވަރަށް ހީހީފައި އެނާގެ ފިރިމީހާއަށް ވާހަކައެއް ކިޔާދީ އުޅުނެވެ. ފިހާރަ ކުޑަވުމުން އަހަންނަށްވެސް ދައްކާވާހަކަ ރީތިކޮށް އަޑުއިވެއެވެ. އެފިހާރައަށް އަންނަ ޒުވާން ފިރިހެން ކުއްޖަކު ޕްލާސްޓިކް ކޮތަޅު ބޭނުން ކުރަން ނޫނެކޭ ބުނާތީ މި މެދު އުމުރު ފުރައިގެ އަންހެން މީހާއަށް މިކަން ވަރަށް މަޖާ ކަމަކަށް ވަނީ ވެފައިކަން އަހަންނަށް އެނގުނެވެ. މަލާމާތުގެ ރާގަކަށް އޭނާ ނުގެންދާނެ އެއްވެސް ޕްލާސްޓިކް ހުންނަ އެއްޗެއްވެސް! ކޮތަޅު ނުގެންދަން ވެގެން ގަންނަ ހުރިހާ އެއްޗެއް އަތުން ހިފައިގެން ދާނީވެސް! މި އަންހެން މީހާ ކިޔަމުން ދިޔައެވެ. ތިމާވެށި ހިމާޔަތް ކުރުމަށް ލޯބިކުރާ މީހަކަށް އަހަރެން ވާ އިރު، މަންމަ އުމުރުގެ މީހަކާ ދިމާލަށް ހަރު ބަހެއް ބުނުންވެސް އަހަންނަށް މާ ކަމުދާކަމަށް ނުވިއެވެ. ނަމަވެސް ޕްލާސްޓިކް ބޭނުން ކުރުމަށް އަހަރެންގެ ތާއީދު ނެތްކަން އަހަރެން ފާޅުކުރީ އަމަލުންނެވެ.

އަހަރެން ގަތް އެއްޗެހި ކޮތަޅަށް ނުލުމަށް އެދުނީމެވެ. އަހަންނަކީ 1990 ގެ އަހަރުތަކުގެ ޖީލުގެ މީހެކެވެ. އުމުރުން ދޮށީ މީހުން ހެޔޮ ގަބޫލު ނުކޮށް ދައްކާ ވާހަކަތަކަށް ރައްދު ހަރުބަހުން ނުދިނުމާއި ތިމާވެށި ހިމާޔަތްކުރުމުގެ ރޫހު އަލާވުމާ އަހަރުމެންގެ ޖީލުގެ ދަރިންގައިގައި ހުންނަނީ ދާދި އެއްހަމަ އަކަށެވެ. މިއާ ހިލާފަށް 2000ގެ ޖީލު މުޅިންހެން ތަފާތެވެ. ކޮންމެ ކަމެއްގެ ޝުއޫރު ސޯޝަލް މީޑިއާގައި ފާހަގަކުރާ މިޖީލަށް މި ކިޔަނީ މިލެނިޔަލްސްއެވެ. މިލެނިޔަލްސް މި ފާހަގަ ކުރެވެނީ އެމީހުންގެ ހިޔާލުތަކުގައި ގަދަކޮށް ހިފައި އިތުރު އެއްވެސް އެއްޗެއް އަޑުނާހާނެ ބައެއްގެ ގޮތުގައެވެ. ގިނަފަހަރު އެމީހުންގެ ހިޔާލުތައްވެސް ރަނގޅެވެ. ނަމަވެސް ދަންނަން ޖެހޭނެ އެއްކަމަކީ ޒަމާނުއްސުރެ ކަންކަން ވަމުން އަންނަގޮތްތައް ބަދަލުވުމަށް ވަގުތު ނަގާނެކަމެވެ. ބަދަލު ކުރެވޭނީ އެކަށޭނަ ފިޔަވަޅުތަކުގެ މަތީންނެވެ. އެއީ ހެޔޮ ބަދަލަށް ފަހަރަކު ފިޔަވަޅެއް ކުރިއަށް އަޅައިގެންނެވެ. ކޮންމެ ފިޔަވަޅަކާ އެކީ މުޖުތަމައުގެ ކޮންމެ މީހަކަށްވެސް މި ފިޔަވަޅާ ފައިހަމަކޮށްލަން ވަގުތު ދީގެނެވެ. އެންމެނަކީ އެއް ބާރުމިނެއްގައި ހިނގޭނެ މީހުންނަށް ނުވާނެއެވެ.

އުމުރުން ދުވަސްވީ މީހުންނާއި މިލެނިއަލްސް ގެ ދެމެދުގެ ޖީލަކަށް އަހަރެން ފެތޭއިރު، ތިމާވެށި ހިމާޔަތްކުރުމާ ގުޅޭގޮތުން ދެ ޖީލުގެ މީހުންނަށްވެސް އެނގޭނެ ފަދައިން ކިޔާދެވޭތޯ މަސައްކަތް ކުރާނަމެވެ.

ކުއްލިއަކަށް ދެމެހެއްޓެނިވި ވެއްޓަކަށް މަސައްކަތް ކުރަން މި ޖެހެނީ ކީއްވެ؟

ދެވަނަ ބޮޑު ހަނގުރާމަ ނިމިގެން ދެން ދުނިޔެއް އައީ އުފެއްދުންތެރި ކަމުގެ ރަން ޒަމާނެކެވެ. އިންސާނުން ހަނގުރާމަތަކާ ދުރުވެ ވިޔަފާރި އާ އުފެއްދުންތެރިކަމުގައި ކުރި އަރައިގެން ދިޔައެވެ. މިގޮތުން ބޭސްވެރިކަމުގެ ދާއިރާއިން ހޯދުނު ކާމިޔާބީތަކުގެ ސަބަބުން އިންސާނެއްގެ އުމުރު އެވްރެޖުން މައްޗަށް ދިޔައެވެ. ހަނގުރާމަތަކާ ބޮޑެތި ބަލި މަޑުކަމުން މަރުވާ މީހުންގެ އިންސައްތަ ދަށަށް ދިޔުމުގެ ނަތީޖާއަކަށް ވީ ދުނިޔޭގައި ދުވަހަކުވެސް އުޅެފައި ނުވާ ވަރަށް އިންސާނުން އެއްވަގުތެއްގައި ދުނިޔޭގައި މިހާރު އުޅެމުން ދިޔުމެވެ. މިހާރު ދުނިޔޭގައި 7.1 ބިލިއަނެއްހާ މީހުން އުޅެމުން ދާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ މީގެ 100 އަހަރު ކުރިއަށް ބަލާކަމަށް ވަނީނަމަ 7 ގުނައިގެ އިތުރުވުމެކެވެ.

ގަރުނެއްގެ ތެރޭގައި ގިނަ އަދަކަށް ދުނިޔޭގެ އިންސާނުންގެ އަދަދު އިތުރުވުމާއެކު ދުނިޔޭގެ ގުދުރަތީ ވަސީލަތްތަކަށް ބޭނުންވާ މިންވަރުވެސް އިތުރުވެގެން ދިޔައީއެވެ. ސާފު ބޯފެނާއި ކާނާ އާއި ބިން އަދި ތެޔޮ ފަދަ ގުދުރަތީ ވަސީލަތްތަކަކީ ދުނިޔޭގައި ވަކި މިންވަރަކަށް ލައްވާފައި ހުރި އެއްޗެއްސެވެ. ތިމާވެށި ހިމާޔަތް ކުރުމުގެ ތެރެއިން ދެމެހެއްޓެނިވި ކަން ނުވަތަ ސަސްޓައިނަބިލިޓީ އަކީ މި ގުދުރަތީ ވަސީލަތްތައް ބޭނުންކުރާ މިންވަރު ހަމައަކަށް އެޅުވުމެވެ. މިހާރު ދުނިޔޭގައި ގުދުރަތީ ވަސީލަތްތައް ބޭނުންކުރާ މިންވަރާ އެ ވަސީލަތްތައް އިތުރު ޖީލަކަށް ފޯރުކުރުމަށް ހުންނަންޖެހޭ މިންވަރު ނުބައްދަލެވެ. މާނައަކީ މި ގުދުރަތީ ވަސީލަތްތައް ހުރި މިންވަރަށްވުރެ ބޭނުން ކުރަމުންދާ މިންވަރު ދެގުނަ އިތުރެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކްގެ މައްސަލައަކީ ކޮބާ؟

އެނގޭހެއްޔެވެ. ދުނިޔޭގެ 77 އިންސައްތަ ކުންޏަކީ ޕްލާސްޓިކް ކުންޏެވެ. ޕްލާސްޓިކަކީ ބަޔޯޑީގްރޭޑަބަލް އެއްޗެއްނޫނެވެ. ބަޔޯޑީގްރޭޑަބަލް ވުމުގެ މިސާލަކީ ގުދުރަތީ އެއްޗެހި ވަކި އިރެއްވަންދެން ބެހެއްޓުމުން އަމިލައަށް ކުނިވެ ހަލާކުވެ ނެތިދާކަމެވެ. މީގެ ބަދަލުގައި ޕްލާސްޓިކް ކުދި ކުދި އެތިކޮޅަށްވެ ދަނީއެވެ. މިއަށް ކިޔަނީ މައިކްރޯ ޕްލާސްޓިކްއެވެ. ވިސްނާލާށެވެ. ދުނިޔޭގެ ކަނޑުތަކަށް ކޮންމެ އަހަރެއްގެ މައްޗަށް 8 މިލިއަން ޓަނުގެ ޕްލާސްޓިކް ކުނީގެ ގޮތުގައި އަޅައައެވެ. މި ޕްލާސްޓިކް މަޑުމަޑުން މައިކްރޯ ޕްލާސްޓިކް އަށް ބަދަލުވެ ކަނޑުގެ ދިރުންތަކަށް އޭގެ ނޭދެވޭ އަސަރު ކުރެއެވެ. ޙާއްސަކޮށް މަސްތަކަށް ނޭނގިވެސް މި މައިކްރޯ ޕްލާސްޓިކް ކެވެނީއެވެ. މައިކްރޯ ޕްލާސްޓިކް ކައިފައިވާ މި މަސްތަކަކީ އިތުރު ދިރުންތަކުގެ ކާނާއެވެ. އެކި ކަހަލަ ދޫންޏާއި ޖަނަވާރާއި އިންސާނުންގެއެވެ. އިންސާނުން އެއްވެސް ވިސްނުމަކާ ނުލައި ކަނޑަށް އަޅާ ކުނި އަނބުރާ މިދަނީ ހަމަ އިންސާނުންގެ ބަނޑަށެވެ. ހަމަ އެއާ އެކު އެހެނިހެން ދޫނި ސުފާއި ސޫފި އަދި ޖަނަވާރުންނަށްވެސް ކާން މި ޖެހެނީ އިންސާނުން އުފައްދާ ، އުކާލާ ޕްލާސްޓިކެވެ. މުޅި ގުދުރަތީ ނިޒާމު ހަލާކުވެގެން ދަނީއެވެ.

ގަސް ނުކަޑާށޭ އެކިޔަނީ ކީއްވެ؟

ކަރުދާހަކީ ގަހުގެ ލަކުޑިން ތައްޔާރުކުރާ އެއްޗެކެވެ. ދުނިޔޭގެ މާކެޓުގައި ކަރުދާހުގެ ޑިމާންޑް އޮތްވަރު އިތުރުވަމުން ދާ ވަރަކަށް ކަނޑަން ޖެހޭ ގަސްވެސް އިތުރުވާނެއެވެ. އިމާރާތްކުރުމަށާއި އުފެއްދުންތެރިކަމަށް ޒަމާނުއްސުރެ ލަކުޑިއަކީ ބޭނުން ކުރަމުން އައި ގުދުރަތީ އެއްޗެކެވެ. އޭރާއި މިހާރުގެ ތަފާތަކީ އިންސާނުންގެ ބޭނުންތަކުގައި ގަސް ކަނޑަމުންދާ މިންވަރު ކުރިއަށްވުރެން އިތުރު ވެފައި ވުމެވެ. މާނައަކީ ބޭނުމަށް ކަނޑާލާ ގަސްތަކުގެ ބަދަލުގައި އިތުރު ގަސްތަކެއް ބޮޑުވުމުގެ ކުރިން ހަމަ އެވަރަށް ގަސްތައް ކެނޑުމެވެ. މި ދައްކަނީ ގޭ ބޭރުގައިއިން އެންމެ ދިއްގާ ގަހެއްގެ ވާހަކައެއް ނޫނެނެވެ. ބައެއް ގައުމުތަކުގައި ލަކުޑީގެ ވިޔަފާރިއަށް ބޮޑެތި ޖަންގަލިތައް ކަނޑާ ހުސްކުރަނީއެވެ. އެނގޭ ހެއްޔެވެ؟ މި ބޮޑެތި ޖަންގަލިތަކަކީ އަހަރަމެން ދިރިއުޅޭ މި ދުނިޔޭގެ ފުއްޕާއެވެ. ވައިގެ ތެރޭގައި އެކި ބާވަތުގެ ގޭސްތައް ހުންނަނީ ގުދުރަތީ ގޮތުން ވެސް ވަކި މިންވަރަކަށްށެވެ. އަހަރަމެން އިންސާނުން ނޭވާލުމަށް ބޭނުންވާ އޮކްސިޖަން އަކީ ވައިގެ 21 އިންސަތައެވެ. އަދި ނޭވާ ލާއިރު ބޭރުކުރާ ކާބަންޑައިއޮކްސައިޑް އަކީ 0.04 އިންސައްތައެވެ. އަހަރެމެން ބޭރުކުރާ ކާބަންޑައި އޮކްސައިޑް ގަސްގަހާގެހިން ހެދި ބޮޑުވުމަށް ބޭނުން ކުރެއެވެ އަދި އަހަރަމެން ބޭނުންވާ އޮކްސިޖަން އުފައްދައެވެ. ގުދުރަތުގައި މި ހުރިހާކަމެއްވެސް ލައްވާފައިވަނީ ވަރަށް ފުރިހަމަކޮށެވެ. މި ގުދުރަތުގެ ސިސްޓަމު ދަމަހައްޓާނީ އަހަރަމެން އިންސާނުންނެވެ. ވައިގެ ތެރޭގައި މިވާ ގޭސްތަކުގެ އިންތައްތަ އެންމެ އަދަދަކުން މައްޗައް ޖެހިލިޔަސް ދުނިޔޭގެ ވެއްޓަށް ބޮޑެތި ބަފަލުތަކެއް އަންނާއެވެ. އަހަރަމެންނަށް ދިރުންދޭ އޮކްސިޖަން ޖައްވުގެ ތެރޭގައި މާ ގިނަ ވެއްޖެނަމަ އަލިފާން ރޯވުން ގިނަވެގެން ދެއެވެ. މިހާރުވެސް ދުނިޔޭގެ ޖައްވުގައި ކާބަންޑައި އޮކްސައިޑް ހުރި މިންވަރު ދނީ މަތިވަމުންނެވެ. މީގެ 8000 އަހަރުގައިވެސް ނުވާހާ މައްޗަށް މިހާރުވެސް ވަނީ ގޮސްފައިއެވެ. ބުނަން މިއުޅެނީ މަގެއްގެ މަތީގައި ބިޔަ ޖަންގަލި ހެދެން ގަސްތައް ދޫކޮށްލާށެކޭވެސް ނޫނެވެ. ގަހުން އޮފިގަނޑެއް ކަނޑާލާއިރަށް ޓްވިޓާގައި ހަޅޭއްލަވާށެކޭވެސް ނޫނެވެ. ދިރިއުޅޭ މާހައުލުގައި ގަސް އިތުރު ކުރުމުގެ އިތުރުން ގިނަ ވިޔަފާރި ކުރާ އިރުވެސް ބޮޑެތި ޖަންގަލިތައް ކަނޑައިގެން ހަދާ އެއްޗެހި މަދުކުރަންވީއެވެ. މުސްކުޅިންނާ މިލެނިއަލްސްވެސް އެއްބަޔަކު އަނެއް ބަޔެއްގެ ވިސްނުމުގެ ތަސައްވަރު ހުރި ހިސާބަކުން މިކަމާ ވާހަކަ ދައްކަންވީއެވެ. ރުޅިއައިސް އެއްޗެހި ކިޔައިގެނެއް ނުވާނެއެވެ.އެންމެ ފުރަތަމަ ފިޔަވަޅަކީ މިކަމާ ބެހޭގޮތުން ވާހަކަ ދެއްކުމެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.