ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ފަރާތުން ދެ މިލިއަން ޔޫރޯ ގެ ހިލޭ އެހީ ރާއްޖެއަށް ފޯރުކޮށްދީފިއެވެ.

އީޔޫއިން ފޯރުކޮށްދީފައިވާ ހިލޭ އެހީގެ މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒަ އިސްމާއިލްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި އެއްބަސްވުމުގައި އީޔޫގެ ފަރާތުން ސޮއި ކުރެއްވީ އީޔޫ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބާއެވެ. އަދި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ހަސަން މަނިކެވެ.

އީޔޫގެ ފަރާތުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދީފައިވާ 2 މިލިއަން ޔޫރޯ (36.2 މިލިއަން ރުފިޔާ) ދެ ބަޔަކަށް ބަހާލެވިފައިވާ މި މަޝްރޫއުގެ ދަށުން 1.4 މިލިއަން ޔޫރޯ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުދި އަދި މެދުފަންތީގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގެސްޓްހައުސްތަކަށާއި ސަފާރީތަކަށް ފައިސާ އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށެވެ.

އެގޮތުން، މިފަދަ ގެސްޓްހައުސްތަކަށާއި ސަފާރީތަކަށް ފައިސާގެ އެހީ ފޯރުކޮށްދޭއިރު 40 އެނދަށްވުރެ ކުދި ވިޔަފާރިތަކަށް ދިނުމަށް ހަމަޖެހިފައިވާއިރު 600 އަށް ވުރެ ގިނަ ގެސްޓްހައުސްއަކަށާއި ސަފާރީއަކަށް އެހީ ފޯރުކޯށްދެވޭނެކަމަށް އީޔޫއިން ލަފާކުރެއެވެ.

އަދި ބާކީ 600،000 ޔޫރޯ ތަމްރީން ޕްރޮގުރާމްތައް ހިންގުމަށް ވަނީ ކަނޑައަޅާފައެވެ. މިއެހީގެ ދަށުން ހިންގުމަށް ރޭވިފައިވާ ތަމްރީން ޕްރޮގުރާމްތަކުގެ ތެރޭގައި ވިޔަފާރި ހިންގުމުގެ ކޯސްތަކާއި މާލީ ހިސާބު ބެލެހެއްޓުމާއި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ތަމްރީން ކޯސްތަށް ހިންގުމަށް ހަމަޖެހިފައިވާކަމަށް އީޔޫ އިން ހާމަކުރެއެވެ.

ކޮވިޑް-19 އަިއގެ ބަލިމަޑުކަމުގެ ތެރޭގައި އީޔޫއިން އަންނަނީ ރާއްޖެއަށް ގިނަގުނަ އެހި ތަކެއް ފޯރުކޯށްދެމުންނެވެ. އެގޮތުން ރާއްޖޭގެ ސިއްހީ ނިޒާމް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ކުރިއަރުވައި ދެމެހެއްޓުމަށް 1 މިލިއަން ޔޫރޯގެ އެހީގެ އިތުރުން ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖެހުމަށް ސަރުކާރުން ދޫކުރި ސްޓިމިއުލަސް ލޯނުތައް ދޫކުރުމަށް ޔޫރަޕިއަން އިންވެސްޓްމެންޓް ބެންކު މެދުވެރިކޮށް ވަނީ 20 މިލިއަން ޔޫރޯގެ ލޯބެއް ހަމަޖައްސާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.