ކޮވިޑް ވެކްސިން ޖެހުމަށް ރަޖިސްޓްރޭޝަނަށް މާދަމާ ހުޅުވާލާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
އެކަން އިއުލާންކޮށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ ރާއްޖޭގައިވެސް ކޮވިޑް ވެކްސިން ޖެހުމަށް ތައްޔާރީތައްވަމުން އަންނަކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން ވެކްސިން ޖެހުމުގައި އިސްކަންދޭނެ ފަރާތްތައް ކަނޑައަޅާ އެ ފަރާތްތަކުގެ މައުލޫމާތު އެއްކުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
ރަޖިސްޓްރޭޝަނަށް ޕޯޓަލެއް ވަނީ ތައާރަފްކޮށްފަ އެވެ. ރަޖިސްޓްރޭޝަނަށް ފުރަތަމަ ހުޅުވާލާނީ ސިއްހީ ހިދުމަތްތެރިންނާއި ސޯޝަލް ކެއާ ވޯކަރުންނަށް ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ އެންމެ ފުރަތަމަ ރާއްޖެ ގެންނަނީ ކޮން ވެކްސިނެއް ކަމެއް އަދި އަންނާނެ ތާރީހެއް ބުނަން ނޭނގޭކަމަށެވެ. އަދި އެކަމުގެ ޔަޤީން މައުލޫމަތު ލިބިވަޑައިގަތުމުން އެކަން ހާމަކުރައްވާނެކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
ކޮވިޑް 19 ގެ ވެކްސިން ހޯދުމަށް އެސްޓްރާޒެނެކާއާއެކު ސޮއިކޮށްފައިވާކަން ސަރުކާރުން ހާމަކުރީ މި މަހުގެ ކުރީކޮޅު އެވެ. ސަރުކާރުން ސޮއިިކޮށްފައިވަނީ ސިންގަޕޫރުގެ ކުންފުންޏެއް ކަމުގައިވާ އެސްޓްރާޒެނެކާ ސިންގަޕޯރ ޕީ.ޓީ.އީ. އެލް.ޓީ.ޑީ.އާ އާއިއެކު އެވެ.
އޭގެއިތުރުން ދިވެހިރާއްޖެއަށް ބޭނުންވާ ވެކްސިން ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ އިރު، އާބާދީގެ 20 އިންސައްތައަށް ބޭނުންވާ ވެކްސިން ހޯދުމަށްޓަކައި ކޮވެކްސް ފެސިލިޓީގައި ދިވެހި ސަރުކާރުން ވަނީ އެދިފައެވެ. މި ހުށަހެޅުން ރަސްމީކޮށް ޑަބްލިއުއެޗްއޯއިން ބަލައިގަނެފައިވާއިރު، އާބާދީގެ ދެ ލައްކަ މީހުންނަށް ބޭނުންވާ ހަތަރު ލައްކަ ޑޯޒް އެ ފެސިލިޓީއިން ފޯރުކޮށްދޭނެއެވެ.