އަތޮޅު ތެރެއިން ޕޮޒިޓިވްވި 86 ކޭސްއާއެކު، ކޮވިޑް-19 އަށް ރާއްޖެއިން 130 މީހަކު ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަ ކޮށްފައިވާ މައުލޫމަތުތަކުން ދައްކާގޮތުން ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:00 އިން އާދީއްތަ ދުވަހުގެ އިރުއޮއްސި 18:00 އާ ހަމައަށް ރާއްޖޭގައި 5,237 ސާމްޕަލް ޓެސްޓުކޮށްފައި ވެއެވެ. އޭގެ ތެރެއިން 130 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ގިނައީ އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވް ވި މީހުންނެވެ.
ކޮވިޑްގެ ކޭސްތައް ރިޕޯޓްކޮށްފައިވާ ގޮތުގެ ތަފްސީލްތައް:
- ގްރޭޓާ މާލެ ސަރަހައްދުން - 36 ކޭސް
- އަތޮޅުތެރެއިން - 86 ކޭސް
- ރިސޯޓުތަކުން - 8 ކޭސް
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓު ކުރި 5،237 މީހުންގެ ތެރޭގައި 2,016 މީހުންނަކީ މާލެ ސަރަހައްދުން ޓެސްޓު ކުރި މީހުންނެވެ.
ރާއްޖޭގައި މިވަގުތު 1,679 މީހަކު ގެންދަނީ ކޮވިޑަށް ފަރުވާ ހޯދަމުންނެވެ. މީގެ ތެރެއިން ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން އަންނަ 13 މީހަކު ވެސް ހިމެނެއެވެ.
މިއަދާ ހަމަޔަށް އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން 74،419 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 77،506 މީހުން ބަލިން ރަނގަޅުވެފައި ވާއިރު، ބަލީގައި 222 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ. މީގެ އިތުރުން ކޮވިޑް ކޭސްތަކުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނިކޮށް އެކި ސަބަބުތަކާހެދި މަރުވި 12 މީހަކު ވެސް ހިމެނެއެވެ. އެމީހުންނަކީ ކޮވިޑްގައި މަރުވި މީހުން ކަމަކަށް ނުބަލައެވެ.
ކޮވިޑް ކޭސްތައް ދަށްވާން ފެށުމުން ސަރުކާރުން ވަނީ ލުއިތަކެއް ދީފައެވެ. އެގޮތުން މޮނިޓަރިންގައި ނެތް ރަށްތަކަށް، ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާ މީހުންނަށް ކަރަންޓީނަކާ ނުލައި ދަތުރު ކުރުމުގެ ލުއި ސަރުކާރުން ވަނީ ދީފައެވެ.