މި ސީޒަނުގެ ނިޔަލަށް އޭސީ މިލާނަށް ބަދަލުވުމަށް ކްރޮއޭޝިއާގެ ފޯވާޑް މާރިއޯ މަންޒުކިޗް އެއްބަސްވެއްޖެއެވެ.
ހަ މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އޭނާ އޭސީ މިލާނަށް ބަދަލުވާން ނިންމާފައިވާ ކަމަށް "ގޯލް.ކޮމް" އިން ވަނީ ހާމަކޮށްފައެވެ. ޤަތަރުގެ އަލް ދުހައިލް ހޫނު މޫސުމުގެ ޓްރާންސްފަރ މާކެޓުގައި ދޫކޮށްލުމަށްފަހު އުމުރުން 34 އަހަރުގެ މަންޒުކިޗް ހުރީ އެއްވެސް ކްލަބަކަށް ސޮއިނުކޮށް ފްރީ އޭޖެންޓެއްގެ ގޮތުގައެވެ.
2018 ވަނަ އަހަރު ކްރޮއޭޝިއާއެކު ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅުމަށްފަހު ބައިނަލްއަގްވާމީ ފުޓްބޯޅައިން ރިޓަޔާކުރި މަންޒުކިޗް ހޯމަ ދުވަހުގެ ވަގުތެއްގައި މިލާނާއެކު އެއްބަސްވުމުގައި ސޮއިކުރާނެއެވެ. އޭނާ ސޮއިކުރާނީ ޖޫން މަހުގެ ނިޔަލަށް ކަމަށްވާއިރު އޭސީ މިލާނަށް ކުޅޭ މެޗުތަކުގެ އަދަދުން އޭނާގެ ކޮންޓްރެކްޓް އިތުރުކުރެވޭ ފަދަ މާއްދާއެއް ހިމެނޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސެރީއޭގައި 17 މެޗު ކުޅެފައިވާއިރު ތިން ޕޮއިންޓްގެ ލީޑަކާއެކު މިލާން އޮތީ އެއްވަނައިގައެވެ. އަދި އެންމެފަހުގެ ޗެމްޕިއަން ޔުވެންޓަސްއަށް ވުރެ ހަތް ޕޮއިންޓް ކުރީގައި އެޓީމު އޮތްއިރު އައު ކުޅުންތެރިންނާއެކު ޓީމު ވަރުގަދަ ކުރުމަށް އޭސީ މިލާނުން އަންނަނީ މި ފިނި މޫސުމުގެ ޓްރާންސްފަރ މާކެޓުގައި މަސައްކަތްކުރަމުންނެވެ.
ސެރީއޭގެ އިތުރުން އިޓާލިއަން ކަޕްގެ ކުއާޓާ ފައިނަލްގައި އިންޓަ މިލާނާއި ދެކޮޅަށް އެޓީމު ނުކުންނައިރު ފެބްރުއަރީ މަހުގެ ތެރޭގައި ޔުއެފާ ޔުރޮޕާ ލީގުގެ ނޮކްއައުޓް މެޗުތައް ވެސް އެޓީމު ކުޅެން ޖެހޭނެއެވެ.