އެމެރިކާގެ ރައީސްގެ މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނިންމަވާފައިވާ ގިނަ ނިންމެވުންތަކެއް ވެރިކަމުގެ ފުރަތަމަ ދުވަހުގެ ތެރޭގައި އިންތިހާބީ ރައީސް ޖޯ ބައިޑެން ބަދަލުކުރައްވާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. 

އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ސޮއިކުރެވިފައިވާ ޕެރިސް އެގްރީމެންޓްގައި އަލުން ބައިވެރިވެ އެމެރިކާއަށް ދަތުރުފަތުރުކުރުމަށް ބައެއް މުސްލިމް ގައުމުތަކުގެ ރައްޔިތުންނަށް ހުރި ގޮންޖެހުންތައް ބައިޑެން ނައްތާލައްވާނެއެވެ. އަދި މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ތިބި އާއިލާތައް އަލުން ގުޅުވައިދީ ކޮވިޑް 19 އިން ސަލާމަތްވުމަށް މާސްކް އެޅުއްވުމަށް ޚާއްސަ މެންޑޭޓެއް އެމަނިކުފާނު އާއްމުކުރައްވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާގެ ރައީސްގެ މަގާމާއި ބައިޑެން ހަވާލުވެވަޑައިގަންނަވާނީ ބުދަ ދުވަހުގެ ވަގުތެއްގައެވެ. 

ވައިޓް ހައުސްއަށް ވަދެވަޑައިގަތުމާއެކު ގިނަ އަދަދެއްގެ ގަރާރުތަކެއް ބައިޑެން ނެރުއްވާނެ ކަމަށް ބެލެވޭއިރު އޭގެތެރޭގައި ކުލި ނުދެއްކިގެން މި ޕެންޑެމިކް ތެރޭގައި ގެއިން ނެރެނުލެވޭ ގޮތަށް ނެރުއްވާ ގަރާރެއް ވެސް ހިމެނޭނެއެވެ. މިއީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ކުރައްވަން ރާއްވަވާ ކަންކަމުގެ ތެރެއިން މަދު ކަންތައްތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. 

ހަމައެހެންމެ ބޮޑެތި ބަދަލުތަކާއެކު އިމިގްރޭޝަންގެ އައު ބިލެއް އެމަނިކުފާނު ކޮންގްރެސްއަށް ހުށަހަޅުއްވާއިރު 1.9 ޓްރިލިއަން ޑޮލަރުގެ އައު ސްޓިމިއުލަސް ޕްލޭނެއް ފާސްކުރެއްވުމަށް ވެސް އެމަނިކުފާނު މަސައްކަތްކުރައްވާނެއެވެ. މިއީ އެމެރިކާގެ އިގްތިޞާދު ވެއްޓިފައިވާ އަޑިގަޑުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގެ ދަށުން ގާއިމްކުރެވޭ ސްޓިމިއުލަސް ޕްލޭނެކެވެ. 

އެމަނިކުފާނުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 100 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ދިނުމަށް ވެސް ވަނީ އަމާޒު ހިފާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.