އިންޑޮނޭޝިއާގެ ރަށެއް ކަމަށްވާ ސުލަވެސީއަށް ހުކުރު ދުވަހުގެ ވަގުތެއްގައި އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 77 އަށް އަރައިފިއެވެ. 

އެގައުމުގެ ޑިޒާސްޓަރ މިޓިގޭޝަން އޭޖެންސީއިން ހާމަކޮށްފައިވާ ގޮތުގައިޮ ގާތްގަނޑަށް 6.2 މެގްނިޓިއުޑްގެ ބާރު މިނުގައި އައި މި ބިންހެލުމުގައި 820 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައްވެ 15،000 އަށްވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. ވެއްޓިފައިވާ ގެތަކާއި އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަދިވެސް އެގައުމުގެ އިދާރާތަކުން އަންނަނީ ހުއްޓުމެއްނެތި ކުރަމުންނެވެ. 

ގާތްގަނޑަކަށް 110،000 މީހުންގެ އާބާދީއެއް އޮންނަ ހުޅަނގު ސުލަވެސީ ޕްރޮވިންސްގެ ސިޓީއެއް ކަމަށްވާ މަމުޖޫގެ ހޮސްޕިޓަލަކާއި ޝޮޕިންގ ސެންޓަރެއް މި ބިންހެލުމުގައި ބިމާއި ހަމަވެފައިވެއެވެ. އެގައުމުގެ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި ގިނަ މީހުން މަރުވެފައިވަނީ އެ ސިޓީގެ ދެކުނުގެ ސަރަހައްދުތަކުންނެވެ. 

މި ބިންހެލުން އައިތާ ދެ ދުވަސް ވެފައިވާއިރު އަދިވެސް ވެއްޓިފައިވާ އިމާރާތްތަކާއި ގެތަކުގެ ދަށުގައި ތާށިވެފައި ތިބީ ކިތައް މީހުން ކަމެއް އެނގިފައެއް ނުވެއެވެ. އަދި އެތަނުން ދިރިހުއްޓާ ސަލާމަތްކުރެވޭނީ ކިތައް މީހުން ކަމެއް ވެސް ސާފުވެފައެއް ނުވެއެވެ. އަދި ސަލާމަތްކުރެވުނު މީހުންގެ އަދަދު ވެސް އިދާރާތަކަށް ޔަގީން ކުރެވިފައެއް ނުވެއެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.