މިހާރު ކަނޑައަޅާފައިވާ މުއްދަތުގައި އިންތިހާބު ނުބޭއްވޭނެ ހާލަތެއް މެދުވެރިވެއްޖެނަމަ، 30 ދުވަސްކުރިން ރައްޔިތުންގެ މަޖިލީހަށް އަންގަންޖެހޭގޮތަށް، އިންތިހާބުގެ މުއްދަތުތައް ކުރު ނުކުރާގޮތަށް ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ޤާނޫން އިސްލާހްކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފި އެވެ. 

ނިމުނު އަހަރު، ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ޤާނޫނެއް ވުޖޫދުކޮށް އިންތިހާބު ފަސްކޮށްފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އެހެންކަމުން މެއި މަހުގެ 9 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަންޖެހެ އެވެ. އަދި އިންތިިހާބަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރަންޖެހޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންކަމަށް އެ ޤާނޫނުގައި ބުނެފައިވެއެވެ. ނަމަވެސް ސަރުކާރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނަށް އިންތިހާބު ބޭއްވުމަށް ލާޒިމްކުރި އެއް އަހަރުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް ވަނީ ހުރަސްތައް ކުރިމަތިވެފަ އެވެ. 

ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތައް ދިރާސާކުރުމަށް އާދިއްތަ ދުވަހު ކުރިއަށްގެންދިޔަ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށްފަ އެވެ. މައިގަނޑު ކަންބޮޑުވުމަކަށް ފާހަގަކޮށްފައިވަނީ އިންތިހާބު ބާއްވަންޖެހޭ މުއްދަތު ޤާނޫނުގައި ކަނޑައަޅާފައިވުމެވެ. ބަދަލުގައި އިލެކްޝަންސް ކޮމިޝަނުން އެދުނީ އިންތިހާބު ބާއްވާ މުއްދަތު ކަނޑައެޅުމުގެ ބާރު އެ ކޮމިޝަނަށް ލިބޭގޮތަށް ޤާނޫނު އިސްލާހްކުރުމަށެވެ. 

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކޮމެޓީގައި ވިދާޅުވީ އިންތިހާބު ބާއްވަން މަސައްކަތްކުރާ ތާރީހާއި، ބައިނަލްއަޤުވާމީ އިންތިހާނުތަކަކާއި ދިމާވަކަމަށެވެ. އަދި އޭގެއިތުރުން ރަމަޟާން މަހާއިވެސް ދިމާވަކަމަށެވެ. އެހެންކަމުން އެއީ މިހާރު ކަނޑައަޅާފައިވާ މުއްދަތުގައި އިންތިހާބު ބާއްވަން ބަލާއިރު އޮތް ހުރަސްތަކެއް ކަމަށެވެ. 

ނަމަވެސް ކޮމެޓީން ފާސްކުރީ މިހާރުވެސް ޤާނޫނުގައިވާ މުއްދަތުގައި ބަދަލެއް ނުގެނައުމަށެވެ. އެއީ އެއް އަހަރުގެ މުއްދަތު އެވެ. އެ މުއްދަތު ހަމަވާނީ މެއި މަހުގެ 9 ވަނަ ދުވަހަށެވެ. ބަދަލުގައިި ކޮމެޓީން ގެނައި އިސްލާހުގައި ހިމެނީ އެ މުއްދަތުގައި އިންތިހާބު ނުބޭއްވޭނެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ސަބަބާއެކު އޭގެ 30 ދުވަސްކުރިން ރައްޔިތުންގެ މަޖިލީހަށް އަންގަންޖެހޭނެކަމަށެވެ. 

ކައުންސިލް އިންތިހާބުގެ ހާއްސަ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ވަނީ އިންތިހާބުގެ ކަންކަން ކުރިއަށްގެންދިއުމަށް ޤާނޫނުން ކަނޑައަޅާފައިވާ ބައެއް މުއްދަތުތައް ކުޑަކުރުމަށް ހުށަހަޅާފަ އެވެ. އެގޮތުން، މިހާރުގެ ޤާނޫނުގައި 45 ދުވަސް ކުރިން ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާންމުކުރަންޖެހޭ ނަމަވެސް، ސަރުކާރުގެ ފަރާތުން ހުށަހެޅީ އެ މުއްދަތު 30 ދުވަހަށް ކުޑަކުރުމަށެވެ. އަދި ވޯޓަރޒް ލިސްޓު އާންމުކުރުމުން ޝަކުވާ ހުޅުހެޅުމުގެ މުއްދަތުވެސް 10 ދުވަހުން 5 ދުވަހަށް ކުޑަކުރުމަށް ހުށަހެޅިއިރު ޝަކުވާއަކާ މެދު ގޮތެއް ނިންމަންޖެހޭ މުއްދަތު 5 ދުވަހުން 3 ދުވަހަށް ކުޑަކުރުމަށް ހުށަހަޅާފައިވެއެވެ.

އޭގެއިތުރުން ހައިކޯޓަށް ދިއުމުގެ މުއްދަތު 5 ދުވަހުން 3 ދުވަހަށް ކުޑަކުރުމަށް ސަރުކާރުން ހުށެހެޅި އިސްލާހުގައިވާއިރު، އެ މައްސަލައާއި މެދު ގޮތެއް ނިންމުމުގެ މުއްދަތު 15 ދުވަހުން 7 ދުވަހަށް ކުޑަކުރުމަށް ހުށަހާޅާފައިވެއެވެ. އަދި ރަސްމީ ނަތީޖާ އިއުލާން ކުރާތާ ގިނަވެގެން 14 ދުވަސް ތެރޭ އިންތިހާބާ ގުޅޭ މައްސަލަތައް ހުށަހަޅަންޖެހޭނެކަމަށް އޮތް އޮތުން ވަނީ 7 ދުވަހަށް ކުޑަކުރުމަށް ހުށަހަޅާފަ އެވެ. 

އިންތިހާބުގެ މުއްދަތުތައް ކުރުކުރަން ސަރުކާރުން ހުށަހެޅިނަމަވެސް ބިލް ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކުރި އެ ބައި އުނިކުރުމަށެވެ. އެގޮތަށް ކޮމެޓީން ނިންމީ، އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ރިއާޔަތްކުރެއްވުމަށްފަހު އެވެ. 

ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހްގައި ކޮވިޑާ ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ގައިޑްލައިންތަކާ އެއްގޮތަށް އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިޔުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ދީފައިވެއެވެ. އަދި އިންތިހާބުގެ ކަންކަން ކުރިއަށްގެންދިއުމަށް އެޗްޕީއޭއިން 7 ދުވަހުގެ ތެރޭގައި ގައިޑްލައިނެއް ކަނޑައަޅަންޖެހެ އެވެ. 

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ވަނީ ގައިޑްލައިން ކަނޑައެޅުމުގެ ބާރު އެޗްޕީއޭއަށް ލިބިދެވޭގޮތަށް ޤާނޫނުގައި އޮތުމުން، އެއީ އިލެކްޝަންސްއަށް މުތުލަޤަށް ލިބިފައިވާ ބާރެއް  ހަނިކުރުންކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ ބާރު އެޗްޕީއޭއަސް ލިބިގެންނުވާނެކަމަށް އިލެކްޝަންސްގެ މެމްބަރުން ކޮމެޓީގައި ވިދާޅުވެފައިވެއެވެ. 

ކޮމެޓީ ރިޕޯޓް މަޖިލީހަށް ހުށަހެޅުމާއެކު ދެން އޮންނާނީ އެ ރިޕޯޓަށް މެމްބަރުން ބަހުސް ކުރެއްވުމެވެ. ބިލު ފާސްކުރުމާއި މެދު ނެގޭ ވޯޓު އޮންނާނީ އެއަށްފަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.