ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ޒިންމާދާރުކަމާއެކު ސަރުކާރު ޖަވާބުދާރީކުރުމަށް އިިދކޮޅު ޕާޓީތަކުން ކުރި މަސައްކަތެއް ފެންނަން ނެތްކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ޕީޕީއެމް/ޕީއެންސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސާ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން ވައްޑެ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ވާދަވެރިން ނެތުމުގެ އުނިކަން ފެނުމަކީ އިންތިހާއަށް ހިތާމަކުރައްވާކަމެއްކަމަށެވެ. އަދި ކޮވިޑްގެ ބިލަމަޑުކަމުގެ ތެރޭގައި ޤައުމުގެ މިވެނިކަމެއް ރަނގަޅުކުރުމަށް ޒިންމާދާރުކަމާއެކު އެއްޗެއް ބުނި އިިދިކޮޅު ޕާޓީއެއްގެ ލީޑަރެއް، އަދި މެމްބަރެއްވެސް ނެތްކަމަށް މެމްބަރު ވިދާޅުވި އެވެ.
"ކޮވިޑާއި ގުޅިގެން ސަރުކާރުން އަޅާ ފިޔަވަޅުތަކަށް ޒިންމާދާރު ގޮތެއްގައި، އުފެއްދުންތެރި ގޮތެއްގައި ފާޑެއްކީ އިދިކޮޅު ލީޑަރަކު، އިދިކޮޅު ޕާޓީއެއްގެ މެމްބަރަކު ދެކުނިންތޯ އިއްޒަތްތެރި ރައީސް. މި މަޖިލީހުން އިއްޒަތްތެރި ރައީސް އިނގޭތޯ މިކަހަލަ ހާލަތްތަކުގައި ފައިސާގެ ކަންކަން ބެލެހެއްޓުމުގައި އަދި އިތުރަށް ސަމާލުވާންޖެހޭނެއޭ ކިޔާފަ އިސްލާހެއް ހުށަހެޅުއްވީތީ ވެންޓިލޭޓަރުގެ މައްސަލަވެސް އެއީ އަޅުގަނޑުމެން އެމްޑީޕީން އެކަންކުރީ" މެމްބަރު ވިދާޅުވި އެވެ.
ސަރުކާރު ހިންގާ މައި ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގެ ނަން ވިދާޅުވުމަށްފަހު ވައްޑެ ވިދާޅުވީ ސަރުކާރު ޖަވާބުދާރީކުރުމަށް ބޮންޑޭ ކުރައްވާ މަސައްކަތާއި ގާތަށްވެސް އިދިކޮޅު ޕާޓީތަކަށް މަސައްކަތް ނުކުރެއްވޭކަމަށެވެ. އަދި އިންތިހާބުގެ ވާހަކައަށް އަލިއަޅުއްވާލައްްވާ ވާހަކަދައްކަވަމުން ވައްޑެ ވިދާޅުވީ އިންތިހާބު އަވަސްކުރުމުގެ ވާހަކަވެސް އެމްޑީޕީގެ މެމްބަރުން ނޫން ބަޔަކު ދައްކާތަން ނުފެންނަ ކަމަށެވެ.
ވައްޑެ ވަނީ ކޮވިޑާއި ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެވެ. އަދި ބަލީގައި ސަލާމަތުގެ އައްސާރިޔަކަށް އާދެވިފަިއވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ސިއްހީ މާހިރުންގެ އަޑު އައްސަވައި، ނިންމެވި ނިންމެވުންތަކުގެ ސަބަބުންކަމަށް ވިދާޅުވެ އެކަމުގައި ސަރުކާރަށް ޝުކުރު އަދާކުރައްވާފައިވެއެވެ. ނަމަވެސް ބަލިމަޑުކަމުގެ ތެރޭގައިވެސް އިދިކޮޅަށް ލިބުނު ފުރުސަތުގެ ތެރޭންވެސް ފެނުނީ މީހުންގެ މޫނަށް ކުޅުޖަހަމުން ވަޑައިގެންނެވި ތަންކަމަށް މެމްބަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ބަލިން ސަލާމަތްވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަދިވެސް އަޅަމުންގެންދަންޖެހޭކަމަށެވެ.
"އިއްޒަތްތެރި ރައީސް ހަޤީޤަތުގައި މިކަމުގެ ސަބަބުން، އިންތިހާބު ލަސްވުމުގެ ސަބަބުން އެއްވެސް މީހަކު ޝައްކެއްކޮށްގެން ނުވާނެ އެމްޑީޕީއަށްވުރެ ބޮޑަށް މިކަމުން ގެއްލުންވާނެ ޕާޓީއެއް ނޯންނާނެ" ވައްޑެ ވިދާޅުވި އެވެ.