ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ ތާރީހު އަވަސް ކުރުމަށް ހުރި ގާނޫނީ ހުރަސްތައް ނައްތާލުމަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހުތަކުގެ ސަބަބުން އިންތިހާބުގެ ސައްހަކަން ގެއްލޭނެ ކަމަށް، އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ މަޖިލިސް މެމްބަރުން ވިދާޅުވެއްޖެއެވެ.
އާދީއްތަ ދުވަހު ދައުރުން ބޭރުގައި ބޭއްވި ޖަލްސާގައި މި ބިލު މަޖިލީހުގެ ތަޅުމަށް ހުށައެޅިގެންދިޔައިރު، މަޖިލީހުގެ ނިޒާމު ގެއްލުވާލުމަށް އިދިކޮޅަށް ނިސްބަތްވާ ބައެއް މެމްބަރުން މަސައްކަތް ކުރެއްވި މަންޒަރު ފެނިގެންދިޔައެވެ. އެގޮތުން ހުޅުމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިޔާޒް މި ބިލު ހުށައެޅުއްވި ވަގުތު ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ގެންދެވީ އިންތިހާބުގެ ސައްހަ ކަމާއި މެދު ސުވާލު އުފައްދަވާ އަޑުގަދަ ކުރައްވަމުންނެވެ. އެއާއި އެކު މަޖިލީހުގެ ރިޔާސަތުގައި އިންނެވި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ޝިޔާމަށް ނަން އިއްވާނެ ކަމުގެ އިންޒާރު ދެއްވިއެވެ.
އިދިކޮޅު މެމްބަރުން ބަހުސްގައި ދެއްކެވި ބައެއް ވާހަކަތަކަށް ބަލާލާއިރު އިންތިހާބާ ގުޅޭ ބައެއް މުއްދަތުތައް ކުރުކުރުމަށް ސަރުކާރުން ހުށައެޅި އިސްލާހުތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެގޮތުން، މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް ވިދާޅުވީީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމާއި، ކޯޓަށް މައްސަލަ ވެއްދުމުގެ މުއްދަތުތައް ކުރުކުރުމަށް ސަރުކާރުން އިސްލާހު ހުށައެޅީ އިންތިހާބުގެ ސައްހަކަން ގެއްލުވާލަން ކަމަށެވެ. މިކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މުއްދަތު ކުރުކުރުމަށް ހުށައަޅާފައިވާ އިސްލާހާއި މެދު އިލެކްޝަން ކޮމިޝަންއާއި މަޝްވަރާ ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.
މީގެއިތުރުން އިންތިހާބުގެ ތެރެއަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އަދި ސަރުކާރުގެ ނުފޫޒު ވަންނަ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް މަސައްކަތްކުރާ ކަމުގެ ތުހުމަތު އިދިކޮޅު މެމްބަރުން ކުރެއްވިއެވެ. އެގޮތުން، މިނިވަން އިންތިހާބެއް ބޭއްވޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށް ވިދާޅުވެ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުުގައި އޮންނަވާހާ ހިނދަކު އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ ކަމަށެވެ.
މި ބިލުގެ އިބްތިދާއީ ބަހުސް ނިންމާލުމަށްފަހު މިހާރު ވަނީ ކޮމިޓީ މަރުހަލާގައެވެ.