ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވާ ތާރީހު އަވަސްކުރުމަށް ހުރި ގާނޫނީ ހުރަސްތައް ނައްތާލުމަށް ހުށައެޅި ބިލު ބަލައިގަނެ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
އިބްތިދާއީ ބަހުސްގައި ބައިވެރިވުމަށް އެދިވަޑައިގެންނެވި މެމްބަރުން ވާހަކަދައްކަވާ ނިމުމުން ނެގި ވޯޓުގައި ބިލު ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 39 މެމްބަރުންނެވެ.
މި ބިލުގެ ސަބަބުން ކޮވިޑާ ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ގައިޑްލައިންތަކާ އެއްގޮތަށް އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިޔުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންދާނެއެވެ. އަދި އަވަސް މުއްދަތެއްގެ ތެރޭގައި އިންތިޚާބު ބާއްވާނަމަ، އިންތިޚާބާ ކަމާބެހޭ ޤާނޫނުތަކުގެ ދަށުން ކަނޑައަޅާފައިވާ ބައެއް މުއްދަތުތަކަށް ވެސް މި ބިލު ގާނޫނަކަށް ވުމުން ބަދަލު ގެނެވޭނެއެވެ.
އެގޮތުން، އިންތިހާބާ ބެހޭ ގާނޫނުގައި ކައުންސިލް އިންތިޚާބު ބޭއްވުމުގެ 45 ދުވަސް ކުރިން ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާންމު ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވީނަމަވެސް، މި ބިލު ފާސްވެގެން ދިއުމުން އެ މުއްދަތު 30 ދުވަހަށް ކުޑަކުރެވިގެންދާނެއެވެ. ވޯޓަރޒް ލިސްޓު އާންމުކުރުމުން ޝަކުވާ ހުޅުހެޅުމުގެ މުއްދަތުވެސް ދިހަ ދުވަހުން ފަސް ދުވަހަށް ކުޑަކުރެވޭނެއެވެ. އަދި ހުށަހެޅޭ ޝަކުވާއަކާއި މެދު ތިން ދުވަސް ތެރޭގައި ގޮތެއް ނިންމަންޖެހޭނެއެވެ.
މި ބިލަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހުތައް ކޮމިޓީން ދިރާސާ ކުރުމަށްފަހު ރިޕޯޓެއް އެކުލަވާލާ ތަޅުމަށް ފޮނުވާނެއެވެ. އެއަށްފަހު ދެން އޮންނާނީ އެ ރިޕޯޓަށް މެމްބަރުން ބަހުސް ކުރެއްވުމެވެ. ބިލު ފާސްކުރުމާއި މެދު ނެގޭ ވޯޓު އޮންނާނީ އެއަށްފަހުއެވެ.