ޖޫން މަހާއި ހަމައަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރެވިއްޖެ ނަމަ، ހަރަދު ކުޑަކުރެވި، މިނިވަން އިންތިހާބެއް ބޭއްވޭނެ ކަމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ. 

ކައުންސިލް އިންތިހާބު ބާއްވާ ތާރީހު އަވަސް ކުރުމަށްޓަކައި ހުރި ގާނޫނީ ހުރަސްތައް ނައްތާލުމަށް ހުށައެޅިފައިވާ ބިލަށް ބަހުސް ކުރައްވަމުން ސައްލެ ވަނީ ކޮވިޑުގެ ހާލަތުގައި އިންތިހާބު ރަނގަޅަށް ކުރިއަށް ގެންދެވޭނީ ކޮންޓެކްޓް ޓްރޭސް ކުރުން ހުއްޓާލައިގެންތޯ ނުވަތަ ދަތުރު ފަތުރު ކުރުމަށް ހުރި ހުރަސްތައް ނައްތާލައިގެންތޯ ކަމަށް ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. އަދި މި ފިޔަވަޅުތައް އޮތް ހިނދެއްގައި ބޭނުންވާ ގޮތަށް އިންތިހާބެއް ބޭއްވޭނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ވެސް ވިދާޅުވިއެވެ.

މިސާލެއް ނަންގަވަމުން ސައްލެ ވަނީ އިންތިހާބުގެ ފަހުގެ ތައްޔާރީތައް ވަމުންދަނިކޮށް އިލެކްޝަން ކޮމިޝަންގެ އިސް އޮފިޝަލުން ކޮވިޑަށް ޕޮޒިޓިވްވެ، ނުވަތަ އައިސޮލޭޝަން އަށް ދާން ޖެހިއްޖެ ހާލަތުގައި ކަންތައް ކުރާނީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެވެ. އަދި މިގޮތަށް ސުވާލު އުފައްދަން ޖެހެނީ ނުދެކޭ ގައިޑްލައިންތަކަކަށް ފައްތައިގެން އިންތިހާބު ބާއްވާގޮތަށް ގާނޫނު އިސްލާހު ކުރަން މަސައްކަތްކުރާތީ ކަމަށް ވިދާޅުވިއެވެ.

އިންތިހާބުގެ އަސާސަކީ މިނިވަންކަމާއި އެކު ކެމްޕެއިން ކުރުމާއި، ދަތުރުފަތުރުކޮށް، ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގެ އިތުރުން ވޯޓު ލާ ފަރާތްތަކަށްވެސް މިނިވަންކަމާއި އެކު ވޯޓުލުމުގެ ހައްގު ލިއްބައިދިނުން ކަމަށްވާއިރު ސަލީމް ވިދާޅުވީ ރާއްޖޭގެ ކޮވިޑްގެ ހާލަތު މިހާރު ގޯސްވަމުން އަންނައިރު، މިހާލަތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ދެވޭނީ ކޮންކަހަލަ ލުއިތަކެއްތޯ ބެލުމަކީ މުހިއްމު ކަމެއް ކަމަށެވެ. އިންތިހާބެއް ބޭއްވުމަކީ އޭގެ ޒާތުގައި ވަރަށް ހަރަދުބޮޑު ކަމެއް ކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކަންކަން އިންތިޒާމް ކުރަމުންދާއިރު ހަރަދުތައް އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ. ކޮވިޑާއި ގުޅިގެން އަސާސީ ބޭނުންތަކަށް ވެސް ފައިސާ ނުލިބިގެން އުޅޭއިރު ބޮޑު ހަރަދު ކުރުމަށްފަހު މި ވަގުތު އިންތިހާބު ބޭއްވުން މުހިއްމުތޯ ސަލީމް ސުވާލު އުފެއްދެވިއެވެ.

މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖެއަށް ވެކްސިންވެސް ލިބިގެންދާނެ ކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ މެއި މަހުގެ ތެރޭގައި ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އެހެންކަމަށްވާނަމަ ޖޫން މަހާއި ހަމައަށް އިންތިހާބުގެ ކަންކަން ފަސްކޮށްލައިފިނަމަ އެތައް ހަރަދަކުން ސަލާމަތްވެވި، މިނިވަންކަމާއި އެކު ކެމްޕެއިންވެސް ކުރެވޭނެ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *