ހައި-ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް" ގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި ފްރޭމްވޯކް އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާ އެކުންފުންޏާ ހަވާލުކޮށްފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްއަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުން އަދި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕޭޝަލް ޕްލޭން (2020-2040) ގައި ހިމެނޭ 3 ޒޯންއާއި 6 ރީޖަން ގުޅުވައިދިނުމަށް ފަރުމާކޮށްފައިވާ ވިއުގައެކެވެ. އެގޮތުން ފެރީ ނެޓްވޯކްއިން 6 ރީޖަންގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅާލެވޭއިރު، އެއް ރީޖަން އަނެއް ރީޖަންއާއި ވެސް ގުޅިގެންދާނެއެވެ. މި ގޮތަށް ފަސިންޖަރުން އުފުލާ ފެރީ ގުޅުވައިލެވިގެންދާނީ ތަފާތު ތިން ގޮތަކަށެވެ.

އެއީ "ކޮމިއުޓް ލިންކް،" "ނަން-ކޮމިއުޓް ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ. ކޮމިއުޓް ލިންކަކީ ކައިރިގައިވާ ރަށްރަށަށް ކުރާ ކުރު ދަތުރުތަކެކެވެ. ނޮން ކޮމިއުޓް ލިންކުގައި މަސައްކަތް ކުރާނީ ހާއްސަ ވަކި ބޭނުމެއްގައި ދުރުގައި ހުންނަ ރަށްރަށަށެވެ. އަދި ހައިވޭ ލިންކަކީ އެއް ޒޯނުން އަނެއް ޒޯނަށް ކުރާ ދަތުރުތަކެވެ.

މި ވިއުގާގެ ދަށުން ހއ. ހދ ށ މި ތިން އަތޮޅުގައި ހިމެނޭ 41 ރަށަކަށް ހިދުމަތް ދެވިގެންދާނެއެވެ. ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު މީޑިއާތަކާއި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާޒިމް ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ ހަފްތާއަކު ހަތް ދުވަހު އެ ރަށްތަކަށް ފެރީގެ ހިދުމަތް ދިނުމަށް ކަމަށެވެ.

އާޒިމް ވިދާޅުވީ، މި ރަށްތަކުގެ ދޭތެރޭ ދަތުރުކުރަން ބޭނުންކުރަނީ 48 ފޫޓްގެ ލޯންޗުތައް ކަމަށާއި، އެ ލޯންޗު ތަކުގެ ކޭޕޭސިޓީ އަކީ 40-50 މީހުން ކަމަށެވެ. އޭނާ ވިދާޅުވީ، އާއްމުގޮތެއްގައި ބޭނުންކުރަނީ 14 ލޯންޗެއް ކަމަށެވެ. ބެކްއަޕްގެ ގޮތުގައި ތިން ލޯންޗެއް ބޭނުން ކުރާނެއެވެ. މި ވިއުގާ ނިންމާލެވޭނެ އެމްޓީސީސީ ލަފާކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.