ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބައްވާ ތާރީހު އަވަސްކުރުމަށް ގާނޫނަށް ބަދަލު ގެނައުމަށްޓަކައި ހުށައެޅި ބިލުގެ ބަހުސް ފަށައިފިއެވެ.

ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް މި ބިލު ހުށައެޅުއްވީ އަވަހަށް ކައުންސިލް އިންތިޚާބު ބޭއްވުމަކީ މުހިންމު ކަމެއް ކަމަށް ގަބޫލުކުރެވޭތީ ކޮވިޑް-19 އާ ގުޅިގެން އިޢުލާނުކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮތް ހިނދެއްގައިވެސް އިންތިޚާބުގެ ކަންކަން އިލެކްޝަންސް ކޮމިޝަނަށް ކުރިއަށްގެންދެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުންނެވެ. 

މި ބިލުގެ ސަބަބުން ކޮވިޑާ ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ގައިޑްލައިންތަކާ އެއްގޮތަށް އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިޔުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންދާއިރު އަވަސް މުއްދަތެއްގެ ތެރޭގައި އިންތިޚާބު ބާއްވާނަމަ، އިންތިޚާބާ ކަމާބެހޭ ޤާނޫނުތަކުގެ ދަށުން ކަނޑައަޅާފައިވާ ބައެއް މުއްދަތުތަކަށް ބަދަލު ގެނެވޭނެއެވެ. 

އެގޮތުން، އިންތިހާބާ ބެހޭ ގާނޫނުގައި ކައުންސިލް އިންތިޚާބު ބޭއްވުމުގެ 45 ދުވަސް ކުރިން ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާންމު ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވީނަމަވެސް، މި ބިލު ފާސްވެގެން ދިއުމުން އެ މުއްދަތު 30 ދުވަހަށް ކުޑަކުރެވިގެންދާނެއެވެ. ވޯޓަރޒް ލިސްޓު އާންމުކުރުމުން ޝަކުވާ ހުޅުހެޅުމުގެ މުއްދަތުވެސް ފަސް ދުވަހަށް ކުޑަކުރެވޭނެއެވެ. އަދި ހުށަހެޅޭ ޝަކުވާއަކާއި މެދު ތިން ދުވަސް ތެރޭގައި ގޮތެއް ނިންމަންޖެހޭނެއެވެ. 

ވޯޓަރޒް ލިސްޓަށް ހުށަހެޅޭ ޝަކުވާއަކާ ގުޅިގެން ކޮމިޝަނުން ނިންމާ ނިމުމެއްގެ މައްސަލަ ހައި ކޯޓަށް ހުށައަޅަންޖެހޭ މުއްދަތުވެސް ތިން ދުވަހަށް ކުޑަކުރެވޭއިރު ހަތް ދުވަސް ތެރޭގައި އެ މައްސަލައަކާ މެދު ހައި ކޯޓުން ގޮތެއް ނިންމަން ޖެހޭނެއެވެ. 

މިހާރުވެސް ކައުންސިލް އިންތިހާބާއި ގުޅޭ މައްސަލަތަކެއް ކޯޓަށް ހުށައެޅިފައިވެއެވެ. އޭގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރަން ޖެހޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހާއި ގުޅިގެން ހުށައެޅިފައިވާ މައްސަލައެއް ހިމެނެއެވެ. މި މައްސަލަތައް ފާހަގަކުރައްވާ މެމްބަރު ނިޔާޒް ވިދާޅުވީ މި މައްސަލަތައް ވީހާވެސް އަވަހަށް ނިމިގެންދިއުމަކީ އުއްމީދެއް ކަމަށާއި، ކައުންސިލް އިންތިހާބު ބާއްވާ ތާރީހު އަވަސް ކުރުމަަށް ހުރިހާ އިދާރާއެއްގެ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ. 

ގާނޫނަށް ގެނެވިގެންދާ އިސްލާހުތަކަށް މި ޖެނުއަރީ މަހު އަމަލުކުރަން ފެށިއްޖެނަމަ އިންތިޚާބު 3 އޭޕްރީލުގައި ބޭއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ލަފާކުރެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *