ގއ. ދެއްވަދޫ ކްލަސްޓާއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން ވިލިނގިލީ ގައި ހުންނަ ކޮވިޑް-19 ފެސިލިޓީ ގައި ފަރުވާ ހޯދަމުންދާ މީހުންގެ ހާލު އިތުރަށް މޮނިޓަރ ކުރަން މިއަދު މާލެއިން ޓީމެއް އެ ރަށަށް ދާ ގޮތަށް ހަމަޖެހިއްޖެއެވެ.
ވިލިނގިލި ކޮވިޑް ފެސިލިޓީގައި 8 މީހަކަށް ދަނީ ފަރުވާދެމުންނެވެ. އެއީ ދެއްވަދޫގެ ހަ މީހަކާއި ދާންދޫގެ ދެ މީހުންނެވެ. އޭގެ ތެރޭގައި ހައިރިސްކު ކެޓަގަރީ ގައި ހިމެނޭ އުމުރުން 79 އަހަރުގެ ފިރިހެނަކާއި 58 އަހަރުގެ ފިރިހެނަކު ހިމެނެއެވެ. ކުރިން ހަމަޖެހިފައި އޮތީ އިތުރު ފަރުވާއަށް މި ދެމީހުން މާލެ ގެނައުމަށެވެ.
''ޖަޒީރާ'' އަށް މައުލޫމާތު ދެއްވަމުން ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާހީމް ތައުފީގް ވިދާޅުވީ، ޑޮކްޓަރުންގެ ޓީމުން ވިލިނގިއްޔަށް ކުރާ ދަތުރުގައި އެ ތަނުގައި ފަރުވާ ހޯދަމުންދާ ހައިރިސްކު މީހުންގެ އިތުރުން ބާކީ ތިބި މީހުންގެ ހާލަތު ބަލައި އިތުރު ފަރުވާ އަށް އެމީހުން މާލެ ގެންނަން ޖެހޭތޯ ބަލާނެ ކަމަށެވެ.
ދެއްވަދޫ ކްލަސްޓާގެ ތެރެއިން ހުވަދޫ އަތޮޅުގެ އެހެނިހެން ރަށްތަކުން ވަނީ ކޭސްތައް ފެނިފައެވެ. އެޗްއީއޯސީން ބުނީ، ކްލަސްޓާއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ކޮންޓެކްޓުންގެ ގޮތުގައި 255 ފަރާތެއް މިހާތަނަށް އައިޑެންޓިފައި ކުރެވިފައިވާ ކަމަށެވެ. މި ކްލަސްޓާއާ ގުޅިގެން ދެއްވަދޫ އިން 55 މީހަކު ވަނީ މިހާރު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.