އިރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާރޑް ކޯ (އައިއާރްޖީސީ) އިން ދުރު ރާސްތާ މިސައިލާއި ޑްރޯން ޓެސްޓްކޮށްފިއެވެ.
ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އައިއާރްޖީސީ އިން ހޮނިހިރު ދުވަހު ޓެސްޓް ކޮށްފައިވަނީ 1،800 ކިލޯ މީޓަރުގެ ދުރު ރާސްތާ ބެލިސްޓިކްސް މިސައިލެވެ. އެގޮތުން، މި މިސައިލް އަމާޒުކޮށްފައިވަނީ އިންޑިއާ ކަނޑުގެ އުތުރުގެ ސަރަހައްދުތަކުގައި ހުރި އާޓިފިޝިއަލް ޓާރގެޓްތަކަކަށެވެ.
އިރާންގެ އަސްކަރީ ބާރުވެރިކަން ދައްކާލުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެ ގައުމުގެ ސިފައިންގެ ޗީފް އޮފް ސްޓާފް މުހައްމަދު ބަޣޭރީ ވިދާޅުވީ، އެ ގައުމުން އިސްވެ އެއްވެސް ގައުމަކަށް ހަމަލާ ދިނުމަށް ބޭނުންނުވާކަމަށާއި، އެހެންނަމަވެސް ހަމަލާދެވޭ ކޮންމެ ބަޔަކަށްވެސް ވަގުތުން ހަމަލާ ދިނުމުގެ ގާބިލްކަން ހުރިކަން މިހާރު ޔަގީންވާނެކަމަށެވެ.
މިއީ އެމެރިކާއާ އިރާންއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި އެ ގައުމުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ފާއިތުވި 2 ހަފްތާގެ ތެރޭގައި އެ ގައުމުން ވަނީ މިފަދަ ހަތަރު ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.
އެމެރިކާއާ އިރާންއާ ދެމެދު އޮންނަ ގުޅުން ހީނަރުވެފައިވަނީ އައިއާރްޖީސީގެ އެންމެ އިސް އެއް ބޭފުޅެއްކަމަށްވާ ޤައްސާމް ސޮލެއިމާނީ މަރާލުމާއި ގުޅިގެންނެވެ. އޭނާގެ މަރަށް އަހަރެއް ފުރިފައިވަނީ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ.