ގއ.ދާންދޫއިން ކޮވިޑް-19 އަށް އިތުރު ހަތަރު މީހަކު ޕޮޒިޓިވްވެ ޖުމްލަ އެ ރަށުން ޕޮޒިޓިވްވީ މީހުންގެ އަދަދު ހަޔަކަށް އަރައިފިއެވެ.

ޖަޒީރާއަށް މައުލޫމާތު ދެއްވަމުން ގއ.ދާންދޫ ކައުންސިލްގެ ރައީސް އިސްމާއިލް މުހައްމަދު ވިދާޅުވީ، ދާންދޫއިން އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ 2 މީހުންކަމަށެވެ. އެއީ 20 އަހަރުގެ އަންހެނަކާއި 9 އަހަރުގެ އަންހެން ކުއްޖެކެވެ. 

މިއަދު ޕޮޒިޓިވްވި 4 މީހުންގެ ތެރެއިން އެކަކަކީ 9 އަހަރުގެ ކުއްޖާއާ ޑައިރެކްޓް ކޮންޓެކްޓްވި 9 އަހަރުގެ ކުއްޖެކެވެ. އަނެއް ތިން މީހުންނަކީ 20 އަހަރުގެ އަންހެންމީހާ އާއެކު "ކޮއިމަލާ-4" ފެރީގައި ދަތުރުކުރި 3 މީހުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، 20 އަހަރުގެ އަންހެން މީހާ ދަތުރުކޮށްފައިވަނީ ބޭސްފަރުވާއަށް ގއ.ވިލިނގިއްޔަށެވެ. 

އޭނާއާ ކޮންޓެކްޓްވި މީހުންގެ ތެރެއިން ޕޮޒިޓިވްވެފައިވާ ތިން މީހުންނަކީ އުމުރުން 11 އަހަރުގެ ކުއްޖަކާއި، 41 އަހަރުގެ އަންހެނަކާއި 66 އަހަރުގެ އަންހެނެކެވެ.

މި އެންމެންގެ ހާލު ރަނގަޅު ނަމަވެސް، އުމުރުން 66 އަހަރުގެ އަންހެން މީހާއަކީ ހައި ރިސްކް މީހަކަށްވާތީ އޭނާ ގއ.ވިލިނގިލި ކޮވިޑް ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްމާއިލް މުހައްމަދުވަނީ ވިދާޅުވެފައެވެ. އެގޮތުން، އޭނާ މާދަން ފެސިލިޓީއަށް ގެންދެވޭނެކަމަށް އިސްމާއިލް މުހައްމަދު ވިދާޅުވިއެވެ.

ގއ.ދެއްވަދޫ ކްލަސްޓަރ އާ ގުޅުންހުރި ކޭސްތައް ފެނުމާއި ގުޅިގެން ގއ.ދާންދޫވަނީ މޮނިޓަރިންގެ ހާލަތަށްވެސް ލާފައެވެ. މި ރަށަށް އަރާ ފޭބުން މިހާރު ވަނީ މަނާކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.