އެކުވެނި ސިންތެޓިކް ޓްރެކާއެކު ދިވެހިރާއްޖެއާ އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާރޒް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ، މާލޭ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދަައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ އެކުވެނި ޓްރެކާއި ދިވެހީންގެ ދުޅަހެޔޮކަމާއި ގުޅިލާމެހިފައިވާ މިންވަރުގެ މައްޗަށް އަލިއަޅިއްވާލައްވާފައެވެ. އެގޮތުން، ފާއިތުވި 20 ވަރަހަކަށް އަހަރު މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ކަސްރަތުކުރުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެންމެ ބޮޑަށް ބަރޯސާވަމުންދިޔައީ އެކުވެނި ސްޕޯރޓްސް ކޮމްޕްލެކްސްއަށް ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ރައްޔިތުންތަކެއް ބިނާކުރުމަށް މި ސަރުކާރުން ބޮޑު ސަމާލުކަމެއް ދޭއިރު، މިއަދު ހުޅުވިގެންދިޔަ ސިންތެޓިކް ޓްރެކަކީ ވަރަށް ރަނގަޅު ފިޔަވަޅެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން، ކުރިއަރަމުންއަންނަ އަތުލީޓުންނަށާއި އާންމު ދިވެހި ރައްޔިތުންނަށްވެސް މި ފެސިލިޓީއިން ގިނަ ފައިދާތަކެއް ވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ފާއިތުވި 20 ވަރަކަށް އަހަރު ތެރޭގައި، ދިވެހީން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ދޭ ސަމާލުކަން އިންތިހާއަށް އިތުރުވެފައިވީ ނަމަވެސް، އެކުވެނި ޓްރެކްއަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ޒަމާނާ އެކު އެކުވެނި ޓްރެކް ތަރައްގީވެފައިނުވާއިރު، އިންޑިއާ ސަރުކާރުގެ އެހީއާއެކު މިހާރު ޒަމާނީ ފެންވަރުގެ ސިންތެޓިކް ޓްރެކެއް އެޅިފައިވާކަން ފާހަގަކޮށް އެކަމަށްޓަކައި މިނިސްޓަރ ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިއީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމެއް ކަމަށްވެސް ފޮރިން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެއިތުރުންވެސް، ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު އޮންނަ ގާތްގުޅުވުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ، މިއީ މިގުޅުން ދެމެހެއްޓެވުމަށް ރައީސް ޞާލިހު ބަހައްޓަވާ ސަމާލުކަމުގެ ނަތީޖާކަމަށެވެ. އެގޮތުން، ދެ ގައުމުންވެސް ގުޅުން ދެމެހެއްޓެވުމަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާކަމަށާއި އޭގެ ނަތީޖާ ވަރަށް ފޮނިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.